ހއ. ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، އެ އެއާޕޯޓަށް ކުރާ ދަތުރުތައް މަދުވުމާއި، ޖާގަ ހޯދުމުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އާއްމުކޮށް އެއާޕޯޓުތަކަށް ދަތުރުތައް ޝެޑިއުލްކުރަނީ އެތަނަކަށް އޮންނަ ޑިމާންޑަކަށް ބެލުމަށްފަހުކަމަށެވެ. އެހެންވެ ހޯރަފުއްޓަށް އޮތް ޑިމާންޑަށް ބަލާ ދަތުރުތައް ކުރަމުންދާކަމަށް މޯލްޑިވިއަނުން ބުނެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޑިމާންޑަށް ބަލާފައި އެކަން ކުރިއަށްގެންދާކަމުގައި މޯލްޑިވިއަނުން ވަނީ ބުނެފަ. އެހެންނަމަވެސް ޖާގަ ލިބުމުގައި ދަތިކަން އޮތްކަމަށް ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބި އަދި ޝަކުވާވެސް ހުށަހެޅިފައިވަނީ. އެހެންވީމަ އެކަމަށް ގެނެވޭނެ ހައްލަކީ ކޮބާތޯ ބެލުމަށްޓަކާ ވާހަކަދެކެވިފައިވަނީ" ނަހުލާ ވިދާޅުވިއެވެ.
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ މަސައްކަތް ލަސްވާތީ އެކަމާގުޅޭގޮތުން ވެސް ވަނީ މިނިސްޓަރާ ސުވާލު ކޮށްފައެވެ. މި ސުވާލަށް މިނިސްޓަރު ވިދާޅުވީ، ހޯރަފުށީ އެއަޕޯޓުގެ ޖެޓީ ހެދުމުގެ އެގްރީމެންޓުގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވާކަމަށެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޖެޓީ ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ހޯރަފުށީ ކައުންސިލުން ޗެނަލެއް ކެނޑުމަށް މިހާރުވެސް އީއައިއޭ ހަދާފައިވާ ސަރަހައްދެއްކަމަށާއި، އެމްޓީސީސީން މީގެކުރިން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިއޮތީ ކައުންސިލުން ހެދި އީއައިއޭއަށް ބަލައިގެންކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. ނަމަވެސް ޖެޓީ ހަދަން އަލުން އީއައިއޭ ހެދުމަށް އީޕީއޭ އިން އެންގުމާއި ގުޅިގެން މިހާރު އެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން އަންގާފައިވާކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!