ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021 ފަށައިފިއެވެ.

27 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކަމަށްވާ ރިއަލް ސްޓާރސްއާއި އަހުލީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އަހުލީއެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރ 15، އަހްމަދު ޝިޒާންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޝިޒާންއެވެ.

މިމުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މި މަހުގެ 21 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ދެވަނަ މެޗުގައި 28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހު ބައްދަލު ކުރާނީ ބައްދަލުކުރާނީ ޔުނީފޯމްއާއި ޓީމް ވިކިލާނެއެވެ.

ފޮޓޯ: ޢަބުދުﷲ ނާޞިރު

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ވެސް "ސާސްކަފް ކަޕް" ގެ ނަމުގައެވެ.

ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް މިއަދާ ހިސާބަށް ވެސް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ.