އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ސައުތެމްޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި ސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ތިންލަނޑު ކާމިޔާބުކުރިއިރު، ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓެގައި ރޮބާޓްޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޖޮޓާއެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ޖޮޓާއެވެ. ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ތިއާގޯއެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 52 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ އާނޯލް ނެގި ކޯނަރަކުން ކާމިޔާބު ކޮށްދީފައި ވަނީ ވާޖިލް ވެން ޑައިކްއެވެ. މި ލަނޑުތަކާއިއެކު ލިވަޕޫލުން ވަނީ ޔާގަން ކްލޮޕްގެ ކޯޗުކަމުގައި 700 ގޯލު ހަމަކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި ނިއުކާސަލް ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލްއަށް ގޯލްތައް ޖަހައި ދީފައި ވަނީ ސަކާ އިތުރުން ގަބްރިއެލް މާޓިނެލީއެވެ.
ލީގުގައި ލިވަޕޫލުން 13 މެޗު ކުޅެފައިވާއިރު އެ ޓީމް ތާވަލުގެ ދެވަނާގައި އޮތީ 28 ޕޮއިންޓް ލިބިގެންނެވެ. އެއްވަނާގައި ޗެލްސީ އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ސައުތެމްޓަން މިވަގުތު އޮތީ 13 މެޗުން ލިބުނު 14 ޕޮއިންޓާއިއެކު 14 ވަނާގައެވެ. ނިއުކާސަލްއަތުން މޮޅުވެ އާސެނަލްވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 23 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!