ހދ. ހިރިމަރަދޫ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން އެރަށުގައި ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްއަކީ ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެމްއެންޑީއެފް ނޯދަން އޭރިއާއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދެއްވަފައިވަނީ އެމްއެންޑީއެފް ގެ ސާރޖެންޓް މުޙައްމަދު ޖައުފަރު ކަމަށެވެ.

މި ސެޝަންގައި ޖުމްލަ 36 ކަނބަލުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މިސެޝަންގައި ތިއަރީ ބައިތަކުގެ އިތުރަށް އަލިފާން ނިވާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.

ހިރިމަރަދޫ ރައީސް ވަހީދު އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަގްސަދަކީ ގޭތެރޭގައި ދިމާވާ ކަރަންޓް އަދި އަލިފާނުގެ ހާދިސާތަކާއި މެދު އަންހެން ބޭފުޅުން ހޭލުންތެރި ކުރުވުމެވެ. އަދި އެފަދަ ދަނޑިވަޅެއްގައި އަމިއްލަ ސަލާމަތްތެރިކަން ހޯދާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރަށް އެފަދަ ހާދިސާތައް ހިނގުމުން އަމަލު ކުރަން ޖެހޭނެ ގޮތްތައް އަންގާދިނުމެވެ.

އެމްއެންޑީއެފް އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެޝަންތަކެއް ކުރިއަށްގެންދަމުންނެވެ.