ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިންގެ މަސައްކަތް ނިންމައި، ޓެންޑަރިންއަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކޮންޓެކްޓަރަކާއި ހަވާލުކުރެވޭނެ ތާރީޚެއް ހޯދަން، ރައްޔިތުންގެ މަޖިލިސްގައި ނަރުދޫ ތަމްސީލް ކުރަށްވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރެއްވުމުގެ ވަގުތުގައި ފުރުޞަޠު ހޯއްދަވައި މެންބަރު ރިޟާ ވަނީ ނަރުދޫ ބަނދަރަކީ 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ތަރައްގީކޮށްދެއްވި ބަނދަރެއްކަމަށް ވިދާޅުވެފައެވެ.
އެ ބަނދަރަކީ ވަރަށް ހާލުގައި އޮތް ބަނދަރެއް ކަމަށާއި، ގިނައީ ބޭނުން ނުކުރެވޭ ދުވަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު، އެ ބަނދަރުގެ ޑިޒައިންގެ މަސައްކަތްވެސް ނިމުމަކާއި ހިސާބުގައި އޮތުމާއެކު، އެ މަސައްކަތް ކޮންޓެކްޓަރަކާއި ހަވާލުކުރެވޭނީ ކިހާ ހިސާބެއްގައިތޯ ރިޟާ ވަނީ މިނިސްޓަރާއި ސުވާލު ކުރަށްވާފައެވެ.
"ނަރުދޫ ބަނދަރުގެ ޑިޒައިންގެ މަސައްކަތް ވަނީ ނިމުމަކަށް ގޮސްފައި، ގަބޫލު ކުރަނީ ބާކީ މިއޮއް އެއް މަސްދުވަހުގެ ތެރޭގައި ޓެންޑަރ ކުރުމަށް ފޮނުވާލެވޭނެކަމަށް، ފިނޭންސް މިނިސްޓްރީއަށް ދާނެކަމަށް، އޯލްމޮސްޓް ޑިޒައިންގެ މަސައްކަތް އޮތީ ނިމިފައި،" ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަސައްކަތާއިގުޅޭގޮތުން ނަރުދޫ ކައުންސިލާވެސް ވާހަކަ ދެކެވެމުންދާކަމަށާއި، މިހާރު ދެކެވިފައިހުރި ވާހަކަ ތަކުން ފައިނަލްވި ޑިޒައިން ކައުންސިލްގެ އެޕްރޫވްއަށް ފޮނުއްވާނެ ކަމަށެވެ.
ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތަކީ މިހިނގާ އަހަރުގެ ބަޖެޓްގައި ވެސް ހިމެނިފައިވާ މަޝްރޫޢުއެކެވެ. އެ މަޝްރޫޢު ހިންގަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވެސް އޮތީ ހިމަނާފައެވެ. މި ގޮތުން ބަޖެޓް ފޮތުގައި ޕްރީޓެންޑަރިން މަރުހަލާގައި އޮތް މަސައްކަތެއް ގޮތުގައި، 5،602،470 ރުފިޔާ ވަނީ އެ މަޝްރޫޢު ހިންގަން ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!