"އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫން"

Raees Solih

ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށާއި، އޭގެ ނަތީޖާ މަޑުމަޑުން ފެންނަމުންދާއިރު، އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އަޅުގަނޑުމެން މިއަދު ދިރިއުޅެމުން މި އަންނަނީ، މީގެ ދެ އަހަރު ކުރިން ދުނިޔެ އޮތް ޙާލަތާ އަޅައިބަލާއިރު، ވަރަށް ތަފާތު ދުނިޔެއެއްގައިކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައިކަމަށާއި، ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު ފުނޑުފުނޑުވެގެންދިޔަކަމަށާއި، އަދި ރާއްޖޭގެ ކުޑަކުޑަ އިޤްތިޞާދުވެސް މިކަމުން ސަލާމަތްނުވިކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔަ. ފުރަބަންދަކަށްފަހު ފުރަބަންދެއް އިޢުލާނު ކުރުމުން، ހޮޓާތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކުރަން ޖެހުނު. ވިޔަފާރިތައް ހީނަރުވެގެންދިޔަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން ރާއްޖެއަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން ކަމަށެވެ. ނަމަވެސް، އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވުއެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޯވިޑުގެ ކުރިން ޢާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައިކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ.

"ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މަޑުމަޑުން އެބަ ފެނޭ. އިޤްތިޞާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އައު ވިޔަފާރިތައްވެސް އަންނަނީ މަޑުމަޑުން އުފެދެމުންކަމަށާއި، ދަތުރުކުރަމުން ދަނީ ކުރިއަށްކަމަށާއި އަދި އަލުން އިޤްތިޞާދު އަންނަނީ އިޢާދަކުރަމުން ކަމަށެވެ.

ރައީސް ޞާލިޙް ވަނީ ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވިކަން ފާހަގަ ކުރަށްވާފައެވެ. މިގޮތުން ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށްވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވިކަމަށް ވިދާޅުވިއެވެ. އަދި އެ ދަތި ހާލުގައިވެސް، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއްވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތެދެންދެއަތްއުރާލާގެންތިބެއްޖައީވިއްޔާއިންޑިޔާގެކުރިމަގުއުޖާލާކުރާކަންނޫޅެވޭނެނުއިންޑިޔާއައްވާޒީފާތައްދީ އިންޑޔާކުރިއަރުވާދޭންކަމަންވެރިކަން މޑޕ އަން ހޯދާދެނއިންޑިޔާއިން ހަރަދުކޮންދިނީ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި