ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

އެ މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 24 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު އެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަނދުކޮށްފައި ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ޤަބޫލް ނުކުރާނެ ކަމަށެވެ.

އަންދާސީހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކެނޑުމަށް ހަމަޖެހިފައިވާއިރު، މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.