ހދ. ކުރިނބީގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން 09 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 18 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެ ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއެއް އެ ފަރާތެއްގެ އަތުގައި އޮންނަންވާނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި އަދި އެ ސިޓީއުރައިގެ ބޭރުގައި "ހދ.ކުރިނބީ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެ ކަމުގައި އެ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.
ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 15 ޕޮއިންޓް އަދި ތަޖުރިބާއަށް 5 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި އެ ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!