ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ.

Ad
rt

މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ.

ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ސިޓީއަށް ކުރަށްވާ މި ޒިޔާރަތުގައި އެ ސިޓީގައި މިރޭ އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ.

އިއްޔެއިން ފެށިގެން މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގައި އިއްޔެ ވަނީ ޕޮލިސް ޑެސްކު ހުޅުވައިދެއްވާފައެވެ.

މިދަތުރުފުޅުގައި ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވާއިރު، ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ވެސް ރަސްމީކޮށް ހުޅުވައި ދެއްވާނެއެވެ. އަދި އެ އަތޮޅުގެ ވެރިރަށް އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.