ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އަބަދުވެސް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ފާމަސީތަކަށް އަންގައިފިއެވެ.

މިގޮތުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

Ad
rt

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާވެސް ލިބެމުންދާކަމަށް އެ އޮތޯރިޓީން ބުނެފަވެއެވެ.

އެހެންކަމުން އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާރމަސީތަކަށް އިލްތިމާސް ކުރާކަމަށާއި، އަދި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގާކަމަށް އެ އޮތޯރިޓީން ބުނެފަވެއެވެ.

ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި، އޯވަ ދި ކައުންޓާ މެޑިސިން (އޯޓީސީ)، ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އަސާސީ ބޭސް، ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއް މަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ބާކީ ހުރިވަރު އެނގޭ ގޮތަށް އެމްއެފްޑީއޭ އަށް ލިޔުމުން ހުށަހެޅުމަށާއި، އެ އޮތޯރިޓީން އާންމުކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް ފާމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ގަވާއިދާއި، އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ވެސް އެމްއެފްޑީއޭގެ އިއުލާންގައި ބުނެފަވެއެވެ.