ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.

މި ފިލައަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ހަނދާނީ ފިލައެކެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފިލައަކީ، ކުޅުދުއްފުށީ، މާވާގެ، ޝަހީދު ޙުސައިން އާދަމް ދިވެހިރާއްޖޭގެ ދިފާޢުގައި ވެވަޑައިގަތް ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ފިލައެއް ކަމަށެވެ.

މީގެއިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޢަފީފުއްދީން ސްކޫލާއި، ސިޓީ ކައުންސިލް ހިނގާލުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމަށް އެ ސިޓީގެ ގިނަ އަދަދެއްގެ މުއައްސަސާތަކާއި އާންމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޢަފީފުއްދީން ސްކޫލާއި ސިޓީ ކައުންސިލް ގުޅިގެން ނަޞްރުގެ ދުވަހާ ގުޅޭ ރަސްމީ ޖަލްސާ އެއްވެސް ބޭއްވިއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ޢަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖްލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފްއެވެ.

މި ޖަލްސާގައި ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ތަމްސީލު މުބާރާތާއި ޕޯސްޓަރ މުބާރާތުގެ ވަނަތަކަށް ގޮސްފައިވާ ދަރިވަރުންނަށް އިނާމު ދީފައިވެއެވެ.

ކުޅުދުއްފުށްޓަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަހީދު ޙުސައިން އާދަމް ޝަހީދުވެވަޑައިގަތީ އިސްލާމް ދީނާއި، ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރައްވަމުން ދަނިކޮށް 3 ނޮވެމްނަރު 1988 ވަނަ ދުވަހުއެވެ. އެ ދުވަހު ދުޝްމަނުންގެ ހަމަލާ ނާކާމިޔާބުކޮށްލައި، ދުޝަމަނުން ނާއުންމީދު ކުރުވި ހިތްވަރު ނެރުއްވި އިސް މޭސްތިރިއަކީ ޝަހީދު ޙުސައިން އާދަމެވެ.

ދިވެހިންގެ މަދު ހާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިން ގޮވައިގެން ރާއްޖެ ހިފުމަށް ދިން މި ހަމަލާގައި ޝަޙީދު ޙުސައިން އާދަމް ހިމެނޭހެން ގައުމުގެ ދިފާއުގައި ހަނގުރާމަކުރައްވަނިކޮށް ސިފައިންގެ 8 ބޭކަލަކު ޝަހީދުވިއެވެ. އަދި އެ ބޭކަލުން ހިމެނޭހެން ޖުމްލަ 19 ދިވެއްސަކު އެ ދުވަހު ޝަހީދުވިއެވެ.