ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ.

ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ.

Ad
rt

ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަންކަމު ބޭނުންކޮށްފައި ވަނީ އަމިއްލަ ސައިކަލްތަކެވެ.

ނޮޅިވަރަމް އެމްބިއުލާންސް މަރާމާތު ކުރުމަށްފަހު ބޭނުން ކުރަންފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ކޯވިޑްގެ ސަބަބުން މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަރާ ފޭބުން މަނާކޮށް، ބަންދުކޮށްފައި އޮތް ނޮޅިވަމް އަލުން އާންމު ހާލަތަށް ގެނައީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ.

ނޮޅިވަރަމަށް މިއަދު މުޅިން އާ އެމްބިއުލާންސެއް ލިބިފައިވާއިރު، ނޮޅިވަރަމް ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި، ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް "ތިލަދުން"އަށް ވިދާޅުވީ، އާ އެމްބިއުލާންސެއް ލިބިގެން ދިޔުމަކީ އެ މަރުކަޒުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އެމްބިއުލާންސެއްގެ ގޮތުގައި ފުރިހަމަ އެމްބިއުލާންސެއް މި ދެއްވީ މި ސަރުކާރުން، ކުރިން އޮންނަނީ އެންމެ އެކަށޭނަ އެއްޗެއް ނޫން، އާ އެމްބިއުލާންސެއް މިރަށަށް ފޮނުއްވާ ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށާއި، ހެލްތް މިނިސްޓަރު އަދި މަކަމުގައި ޝާމިލްވާ ފަރާތްތަކަށް ޝުކުރު ދަންނަވަން" މަރިޔަމް ވިދާޅުވިއެވެ.

ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސެއް އިއްޔެ ލިބިފައިވާއިރު، މަރޮށި ސިއްހީ މަރުކަޒުން ވެސް ވަނީ އެކަމަށްޓަކައި ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، ހެލްތް މިނިސްޓަރު އަދި ފޯކައިދޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަށް ޝުކުރު އަދާކޮށްފައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފުރުވާލީ ނިމުނު އޮކްޓޯބަރުގެ 30 ވަނަ ދުވަހުއެވެ.

20 ރަށަކަށް ފޮނުވި މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، މީގެތެރޭގައި ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ، ހއ. އަތޮޅުން އުލިގަމާއި، ފިއްލަދޫއާއި، ހދ. އަތޮޅުން މަކުނުދޫ އާއި ނޮޅިވަރަމާއި އަދި ށ. އަތޮޅުން ފޯކައިދޫގެ އިތުރުން މަރޮއްޓަށެވެ.

މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަންގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.