ނަމާދަކީ، އޭގެ ޒަރީއްޔާއިން ދީން ޤާއިމުވެފައި އޮންނަ ދީނުގެ ތަނބެވެ. އެއްވެސް އަޅުކަމަކަށް ދެވިފައި ނުވާ މަޤާމެއް އިސްލާމް ދީނުގައި ނަމާދަށް ދެވިފައި ވެއެވެ. ރަސޫލާގެ ހަދީޘްފުޅެއްގައި ވެއެވެ.”ދީނުގެ އަޞްލަކީ އިސްލާމެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲ ގެމަގުގައި ޖިހާދު ކުރުމެވެ.”
ރަސޫލުﷲ ގެފާނު މިޢުރާޖު އަރައިވަޑައިގެންނެވި ރޭގައި އެކަލޭގެ ފާނުގެ މައްޗަށް ފަސްނަމާދު ފަރުޟު ކުރެއްވުނެވެ. ނަމާދަކީ، ﷲ ގެ ޙައްޤުތަކުގެ ތެރެއިން ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ އަޅާގެ ހިސާބު ބެއްލެވޭނެ ޢަމަލެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ހިސާބު ބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅު ވެއްޖެނަމަ، އޭނާގެ ހުރިހާ ޢަމަލެއް ރަނގަޅުވާ ހުއްޓެވެ. އަދި ނަމާދު ފާސިދު ވެއްޖެނަމަ، އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާ ހުއްޓެވެ.”
ނަމާދަކީ، ރަސޫލާ ދުނިޔެ ދޫކުރައްވާ ވަޑައިގަންނަވަމުން، އެކަމެއްގެ ވަޞިއްޔަތް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތްޕުޅެވެ. އެކަލޭގެފާނުގެ އެންމެފަހުގެ ނޭވާފުޅުގައި ހަދީޘްކުރެއްވެވިއެވެ. “ތިޔަބައި މީހުން ނަމާދަށް ރައްކާތެރިވާށެވެ. ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންގެ އަޅުމީހުންނަށްވެސް ރައްކާތެރިވާށެވެ.”
ކީރިތި ޤުރުއާނުގައި ނަމާދާބެހޭގޮތުން އައިސްފައިވާ އާޔަތްތަކަށް ބެލިކަމުގައިވިޔަސް، ނަމާދުގެ މަޤާމާއި ނަމާދުގެ އަހަންމިއްޔަތުކަން ވަރަށް ސާފުކޮށް ބަޔާންވެގެން ދާނެއެވެ. ބައެއްފަހަރު ﷲގެ ޒިކުރާ ގުޅިގެން ނަމާދުގެ ވާހަކަ އައިސްފައި ވެއެވެ. ބައެއްފަހަރު ޒަކާތާ ގުޅިގެން އަދި ބައެއް ފަހަރު ކެތްތެރިކަމާ ގުޅިގެން ނަމާދުގެ ވާހަކަ އައިސްފައި ވެއެވެ. ސޫރަތުލްބަޤަރާގެ 45 ވަނަ އާޔަތުގައި ވެއެވެ. “އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން މަދަދަށް އެދޭށެވެ.”
އިސްލާމްދީނުގައި ޝަރުޢު ކުރެވިގެންވާ އަޅުކަންތަކަށް ބަލާއިރު، އެދީން ނަމާދަށް ދީފައިވާ އަހަންމިއްޔަތުކަން އެހެން ހުރިހާ އަޅުކަމަކަށްވުރެ ބޮޑެވެ. ރަށުގައި ޤާއިމުވެ ހުންނަމީހާ ނަމާދުކުރަންޖެހެއެވެ. ދަތުރުވެރިޔާ ނަމާދުކުރަން ޖެހެއެވެ. ގަދަވެ ހުންނަ މީހާއާއި ބަލިވެ އޮންނަ މީހާވެސް ނަމާދުކުރަން ޖެހެއެވެ. ކޮޅަށް ހުންނަން ނުވަތަ އިށީނދެ އިނުމަށް ނުކުޅެދޭމީހާވެސް ނަމާދުކުރަން ޖެހެއެވެ. އަދި އެންމެ ނުރައްކާތެރި ވަގުތު ކަމުގައިވާ ހަނގުރާމައިގެ ވަގުތުގައިވެސް ނަމާދު ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ.
ނަމާދަށް ފަރުވާކުޑަކުރުމުގެ މައްޗަށް މާތްﷲގެ ވަޢީދުގެ ބަސްފުޅު، ސޫރަތުލްމަރްޔަމްގެ 9 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. “އެއުރެންނަށްފަހު (އިސްވެދިޔަ ހެޔޮލަފާ މީހުންނަށްފަހު) ނުބައި ބަޔަކު އައެވެ. އެބައިމީހުން ނަމާދު ނަގާލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ، ގަދަފަދަ ވެގެންވާ ޢަޛާބާ ފަހުން އެބައިމީހުން ބައްދަލުކުރާނެތެވެ.”
އެހެންކަމުން، މިކަންކަން ހިތްމައްޗަށް ގެނެސް، އަޅުގަނޑުމެން އެންމެ އިސްކަން ދޭންވީ، ނަމާދަށް ރައްކާތެރިވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!