ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާޙީމްފުޅު "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހުންނަކީ މިވަގުތު ކަރަންޓީނުގައި ހުރި ގޭތަކަށް ނިސްބަތްވާ ބައެއް ނޫންކަމަށެވެ.
ފުނަދޫ ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މި މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
22 އޮކްޓޯބަރު ކޭހާއިގުޅިގެން އިތުރުވަމުން އައި ކޭސްތަކާއެކު މިވަގުތު އެރަށުގެ 56ގެ އެއް ހުރީ ކަރަންޓީނު ކޮށްފައެވެ.
ފުނަދޫ ރައީސް އަޙްމަދު ވިދާޅުވީ، ކަރަންޓީނުގައި ނެތް ގޭތަކެއްގެ 3 މީހުން ޕޮޒިޓިވްވުމުން ރަށުތެރޭ ބަލި ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ވަރަށް ބަލައިގެން އުޅެމުން އައީ، އަލަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރު އެބަހިނގާ" އަހްމަދު ވިދާޅުވިއެވެ.
22 އޮކްޓޯބަރު ކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 216 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.
އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ފުނަދޫ ކައުންސިލުން ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްވެސް ރައްޔިތަކު ގޭން ބޭރަށް ނުނުކުތުމަށް އަންގާފައެވެ. އަދި ކުޅިވަރުކުޅޭ ތަންތަން ބަންދުކޮށް، ފިހާރަ، ރެސްޓޯރެންޓްތަކުގައި ގައިދުރުކަން ބަހައްޓަން ވަނީ އަންގާފައެވެ. މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!