ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓް ކާމިޔާބުކުރުމުގެ ގަދަ އަޒުމުގައި ކްލަބް ވެމްކޯއިން ނިކުމެއްޖެ އެވެ.
ރާއްޖޭގައި ހިންގާ ރަސްމީ އޮފީސްތަކަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ ފުޓްސަލް މުބާރާތް ކުރިއަށް ދަނީ އަންހެން އަދި ފިރިހެން ވަކިން، 2 މުބާރާތަކަށް ބަހާލައިގެންނެވެ.
އެގޮތުން، "ކްލަބް މޯލްޑިވްސް 2021" މިނަމުގައި ކުރިއަށްދާނީ ފިރިހެން ޓީމުތައް ވާދަކުރާ މުބާރާތެވެ. އަދި އަންހެން ޓީމުތަކުން ވާދަކުރާނީ "ވިމެން ފުޓްސަލް ފިއެސްޓް" މިނަމުގައި ކުރިއަށްދާ މުބާރާތުގައެވެ.
އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ވެމްކޯގެ އަންހެން އަދި ފިރިހެން ޓީމުވެސް މިހާރު އަންނަނީ ފޯރިއާއިއެކު ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ.

ކްލަބް ވެމްކޯގެ ފަރާތުން 'ތިލަދުން' އަށް މައުލޫމާތުދެމުން އަލީ ނަދީމް (ކޮކޯ) ބުނީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ވެމްކޯގެ ޓީމުތަކުން ކުރިއަށް ގެންދާ ފަރިތަކުރުންތައް ފެށިގެން މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެދާނެކަމަށެވެ.
" މިއަހަރުގެ މުބާރާތް ފަށަން ފުރަތަމަ ހަމަޖެހިފަ އޮތީ އަންނަމަހު 4 ގަ. އެހެންނަމަވެސް، އެ ތާރީހު ފަހުން 20 އަށް ލަސްކުރުމުން އަނެއްކާވެސް އިތުރު ދުވަސްތަކެއް އެލިބިގެންދިޔައީ"
ޓީމުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތުދެމުން ކޮކޯ ހާމަކުރިއެވެ.
މި މުބާރާތުގައި ވާދަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ފުޓްސަލް ކުރިއެރުވުންކަމަށްވެސް ކޮކޯ ބުންޏެވެ. އަދި ވެމްކޯގެ ފަރާތުން މިފަހަރު ބައިވެރިވާ އަންހެން ޓީމުގައި ތައިލެންޑުގެ ގައުމީޓީމަށް ކުޅުނު 2 ކުޅުންތެރިއަކު ބައިވެރިވާނެކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ކްލަބް ވެމްކޯގެ ފަރާތުން ބައިވެރިވާ 2 ޓީމުގެ ހެޑް ކޯޗެއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު، ގިނަ އަހަރުތަކެއް ހޭދަކޮށް، ފަސްޓް ޑިވިޝަންގައިވެސް މީގެކުރިން ކުޅެފައިވާ، އޭ ލައިސެންސްގެ ކޯޗު، އަޙްމަދު ނިޔާޒު (ނިޔާ) އެވެ.
'ތިލަދުން' އާއި ވާހަކަދައްކަމުން ކޯޗު ނިޔާ ބުނީ ވެމްކޯގެ ޓީމުގެ އަމާޒަކީ މުބާރާތުގެ ތަށި ކާމިޔާބުކުރުން ކަމަށާއި އުންމީދުކު ރަނީ ރަނގަޅު ނަތީޖާތަކެއް މުބާރާތުގައި ނެރެވޭނެކަމަށެވެ. އަދި ކުރިއަށްހުރި ދުވަސްތަކުގައި ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވިއްޖެނަމަ ޓީމުގެ އަމާޒަށް ވާޞިލްވެވޭނަކަމަށް ޤަބޫލުކުރާކަމަށް ކޯޗު ބުންޏެވެ.
"ކުރިއަށްހުރި ދުވަސްތަކުގައި ޕްރެކްޓިސްކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެ. ވެމްކޯގެ 2 ޓީމުގަވެސް އެބަތިބި ފެންވަރު ރަނގަޅު ކުޅުންތެރިން."
ކޯޗު ނިޔާ ކިޔައިދިނެވެ.

ވެމްކޯ އަކީ އަބަދުވެސް ވަރަށް އެކުވެރި މުވައްޒަފުންތަކެއް އުޅޭ ކުންފުންޏެއްކަން ފާހަގަކުރައްވާ ކޯޗު ބުނީ މުބާރާތުގައި ވެމްކޯގެ ޓީމުގެ ކަންތައްތަކާއި އަދި މިހާތަނަކަށް އެއްވެސް ފަރާތަކުން ހިތްހަމަނުޖެހުމެއް ފާޅުކޮށްފައި ނުވާކަމަށާއި މެނޭޖްމަންޓުގެ ފުރިހަމަ ސަޕޯރޓު ޓީމަށް ލިބޭކަމަށެވެ.
ވެމްކޯ އަކީ އެ ކުންފުނި އުފެދުނީއްސުރެއް އޮފީސްތަކުގެ މުބާރާތުގައި ވާދަކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ވެމްކޯގެ ފިރިހެން ޓީމު ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ކުޅެވުނު ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ކާމިޔާބު ނުކުރެވުނު ނަމަވެސް، ފައިނަލްގައި ވާދަކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ކޮވިޑް-19 ބަލީގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް އޮފީސްތަކުގެ މުބާރާތް ވަނީ ކެންސަލްވެފައެވެ. ނަމަވެސް، މި މުބާރާތަކީ ރާއްޖޭގައި ކުޅެވެމުން އަންނަ ގިނަ ޓީމު ތަކެއް ވާދަކުރާ، އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި އަންހެން 8 ޓީމާއި ފިރިހެން 32 ޓީމާއެކު ޖުމްލަ 40 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!