ޕީސީއާރު ޓެސްޓަކާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓުގައި ކުޅުދުއްފުށި ސިޓީ ހިމެނިއްޖެ އެވެ.

މި ލިސްޓަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މީހުންގެ %90 މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކުގެ ލިސްޓެވެ.

Ad
rt

އެގޮތުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލާ އަދި އެެއްވެސް ކަރަންޓީނު ވުމެއް ނެތި ކުޅުދުއްފުށި ސިޓީ އަށް މިހާރު ދަތުރުކުރެވޭނެއެވެ.

އެޗްޕީއޭ އިން އާންމު ކުރެއްވި ގޮތުގައި، ރެށެއްގައި ދިރިއުޅޭ 12 އަހަރުން މަތީގެ އާބާދީ އާއި 65 އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، އެރަށަކަށް ޕީސީއާރަކާއި ނުލާ ދަތުރުކުރެވޭނެއެވެ. އަދި އެރަށެއްގައި ގެސްޓްހައުސް ހިންގާނަމަ، އެތަނެއްގައި މަސައްކަތް ކުރާ ފަރާތްތަކާ ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުގެ %90 މީހުންވެސް ހުންނަންވާނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، އަލަށް އެ ލިސްޓުގައި ހިމެނޭ ރަށްތަކަށް ޕީސީއާރާއި ނުލާ ދަތުރު ކުރަން ފަށާ ފުރަތަމަ ހަފްތާގެ ތެރޭ އެރަށަކުން ނެގޭ ކޮވިޑް ޓެސްޓުތަކުން ޕޮޒިޓިވްވާ މީހުންގެ ނިޞްބަތް %5 އަށް ވުރެ މަތިނަމަ، ކުރިއެކޭވެސް އެއްފަދައިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން، އެރަށަކަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.

އަދި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ނުވާ ފަރާތްތަކުން ޕީސީއަރަކާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށްތަކަށާއި އެނޫން ރަށަކަށްވެސް ދަތުރު ކުރާއިރު، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.