ހަމަސް ދުވަހަށްވުރެ ދިގުމުއްދަތަށް ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް ލާޒިމްކޮށް ގޯތިގެދޮރު ކުއްޔަށް ދިނުމާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި މި ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކޮށްފއި ވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

Ad
rt

މި ބިލުގައި ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަރަށް ގިނަ މާއްދާތަކެއް ވަނީ ހިމަނާފައެވެ. ރާއްޖޭގެ ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

ގޯތިގެދޮރު ރަޖިސްޓަރީ ކުރުމާއި ގުޅުންހުރި ކަންކަން ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި ވެސް ހިމަނާފައިވާއިރު ހަ މަސްދުވަހަށް ވުރެ ދިގުމުއްދަތަށް ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަނުގެ ވެރިފަރާތާއި ކުއްޔަށް ހިފާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުން ރަޖިސްޓަރީ ކުރުމަށް ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. އަދި އެ އެއްބަސްވުން ހަތް ދުވަސްތެރޭގައި ރަޖިސްޓަރީ ކޮށްދިނުމަށް ވެސް ކައުންސިލަށް ވަނީ ލާޒިމް ކޮށްފައެވެ. އަދި އެތަނެއް ކުއްޔަށް ދޫކުރެވޭނީ އެ ހުއްދަ ލިބުމުން ކަމުގައި ވެސް އެ ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މި ބިލުން ކުއްޔަށް ދޫކުރުމަށް ހުއްދަ ހޯދައި ކުއްޔަށް ދޫކުރާ ތަންތަނުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން ކައުންސިލްތަކަށް ލާޒިމް ކޮށްފައިވާއިރު، އަދި އެ ތަންތަން މޮނިޓަރ ކުރުމަށް ޓެނަންސީ ބޯޑެއް އެކުލަވާލަން ވެސް ޖެހެއެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހުއްދަދޭ ތަންތަނުގެ މަޢުލޫމާތު ހުއްދަދޭތާ ތިން ދުވަހުގެ ތެރޭ އެ ބޯޑަށް އެންގުމަށް ވެސް އެ ބިލުން ވަނީ ލާޒިމް ކޮށްފައެވެ.

ބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ވެބްސައިޓެއްގައި ނުވަތަ އެޕްލިކޭޝަނެއް އެ ބޯޑުން ގާއިމުކުރަންޖެހެއެވެ.

ކުއްޔަށްދޭ ކޮންމެތަނެއް ކުއްޔަށް ދޫކުރާއިރު އެތަނެއްގެ ކުއްޔާއި ކުލި ދައްކާނެ އުސޫލު ކުއްޔަށް ދިނުމުގެ އެއްބަސް ވުމުގައި ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި، ކަނޑައެޅޭ ކުއްޔަކީ ކުއްޔަށްހިފާ ތަން ބޭނުން ކުރުމުގެ ހައްޤު އެއްބަސް ވުމުގެ ދަށުން ލިބިދެވޭތީ ކޮންމެ މަހަކު އެއްފަހަރު ނުވަތަ އެއްބަސް ވުމުގެ މުއްދަތަށް އެކީ އެއްފަހަރާ ނުވަތަ އެ ނޫންވެސް ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ފައިސާގެ ގޮތުގައި ނުވަތަ އެ ނޫންވެސް ގޮތަކަށް ދެފަރާތުގެ ދެމެދުގައި ކުރެވޭ މުއާމަލާތަކާއި ގުޅިގެން ބަދަލުކުރެވޭ ހައްގެއްގެ މުޤާބިލުގައި ދެވޭ އެއްޗެސް ކަމުގައި އެ ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މިގޮތުން ކަނޑައަޅާ ކުއްޔަކީ ފައިސާ ނޫން އެހެން އެއްޗެއް ނަމަވެސް އެ އެއްޗެއްގެ ތަފްސީލް ކުއްޔަށް ދިނުމުގެ އެއްބަސް ވުމުގައި ބަޔާންކޮފައި އޮތުމަށް ވެސް މި ބިލުން ވަނީ ލާޒިމް ކޮށްފައެވެ.