ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޓީމް ކުޅުދުއްފުށި ބައްދަލުކުރި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ކުޅުދުއްފުށީ ޓާފް ދަނޑު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުނަ ޤައުމީ ޓީމް މިއަދު އެ ދަނޑުގައި ޓީމް ކުޅުދުފުއްޓާއި ކުޅުނު މެޗުގައި ރާއްޖޭގެ ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ ޤައުމީ ޖޯޒީގައި ކުޅުއްވާފައެވެ.
މި މެޗުގައި ކުޅެފައިވަނީ 20 މިނެޓުގެ ދެ ހާފެވެ. މި މެޗުގައި ގައުމީ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެފަހުން އިސްމާއީލް އީސާ (މެސީ) އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. އަދި ހަތަރުވަނަ ލަނޑު ދަގަނޑޭ ޖެހިއިރު ފަސްވަނަ ލަނޑު ކާމިޔާބުކުރީ އަސަދުﷲ އަބްދުﷲ އެވެ. ހަވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދެވެ.
މިއަދު މެޗުގެ ހާފް ޓައިމްގައި ދަނޑަށް ހާޒިރުވެތިބި ފަރާތްތަކާއި މުހާތަބުކޮށް މިނިސްޓަރު މަހުލޫފް ވިދާޅުވީ ދަނޑު ހުޅުވި ނަމަވެސް އަދިވެސް ދަނޑުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ލައިޓް ހަރުކުމާއި ރޮސްޓްރަމެއް ހެދުމުގެ މަސައްކަތްތައް ވެސް ކުރެވިގެންދާނެ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއްވެސް ގާއިމްކުރަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޤައުމީ ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ޤައުމީ ޓީމް އެނުބުރި މާލެއައިސް ޤައުމީ ޓީމާއި އަލަށް ހަވާލުވި ކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ވަރަށް އަވަހަށް ފަރިތަކުރުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަންނަ މަހު ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!