ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު
ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ.
މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް ޞާލިޙް އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނަރއެއް ދަމާފައި ހުރެގެން ކަމަށް އެ ބަޔާނުގައި ބުނެފަ ވެއެވެ.
"ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކަމާއެކުގައެވެ. އަދި ކޯޓު އަމުރަކާވެސް ނުލައެވެ. އެހެންކަމުން ފުލުހުންގެ މިޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި ވަގުތުން މުޖްތަބާ އަހްމަދު ދޫކޮށްލުމަށްވެސް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަަނުން ބުނެފަ ވެއެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނޫ އަސާސީން ލިބިދީފައިވާ ޙައްޤުތައް ކަމަށާއި، މިޙައްޤުތަކަށް އަރައިނުގަތުމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ގޮވާލާ ކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގަ ވެއެވެ.
މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގެއެއްގައި ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް ޞާލިޙް އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނާއެއް ދަމާފައި ހުއްޓާ ފެނެއެވެ.
އެއް ވީޑިއޯއިން ފެންނަ ގޮތުގައި މުޖުތަބާ ހައްޔަރުކޮށްފައި ވަނީ އެ ފޮތިގަނޑު ދަމާފައި ހުރި ގޭގެ ކައިރި މަގުމަތިންނެވެ. ހައްޔަރުކުރި ވަގުތު މުޖުތަބާ ގަދަ ދައްކާތަން ފެނެއެވެ. އަދި އެއްވެފައި ތިބި މީހުން، ކޯޓު އަމުރެއްނެތި މުޖުތަބާ ހައްޔަރު ނުކުރެވޭނެ ކަމަށް ގޮވަމުންދިޔަ އަޑު ވެސް ވީޑިއޯއިން އިވެއެވެ.
މުޖުތަބާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓްގެ އިސް މީހެއްގެ ގޮތުން ހުރި ފަރާތެވެ. އޭނާ މަގާމުން ވަކީ ކުރީ މި ސަރުކާރު އައިފަހުން އެމްއާރުޑީސީ އުވާލުމުގެ ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!