ށ. ފުނަދޫގެ އާންމުންގެ ގޭބިސީތަކަށާއި، ވިޔަފާރިތަކަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 20ވަނަ ޖަލްސާގައެވެ.

Ad
rt

މި ނިންމުމުގައި ބުނެފައިވާގޮތުން މިގޮތަށް ކައުންސިލުން މިގޮތަށް ނިންމީ އެރަށުގައި ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރަށް ދިމާވި މައްސަލައާއިގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު އަވަސްއަވަހަށް ކަރަންޓްކަނޑަން ޖެހުމުގެ ސަބަބުން އެމަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެފައިވާތީ ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ލުޔެއްދިނުމަށެވެ.

މިގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ކަރަންޓްބިލުން އާންމުގޭގެއާއި ވިޔަފާރިތަކަށް %50 ގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ނިންމުމުގައި ބުނެފަވެއެވެ.

މީގެއިތުރުން މިއަހަރު ކުރިއަށް އޮތް 03 މަސްދުވަހު އެރަށު އިންޖީނުގެއަށް ބޭނުންވާ ތެޔޮ ގަތުމަށާއި، އިންޖީނުގޭގެ މަރާމާތުތައް ކުރުމަށާއި، ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ޚަރަދުތައްކުރުމާއި، އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން ހަކަތައިގެ ޤާނޫނުން ލާޒިމްކުރާ ކަންކަން އިންޖީނުގޭގައި ފުރިހަމަކުރުމަށް ކުރަންޖެހޭ ޚަރަދުތައްކުރުމަށްޓަކައި 3.5 މިލިއަން ރުފިޔާގެ
ސަޕްލިމެންޓްރީ ބަޖެޓެއް ވެސް މި ބައްދަލުވުމުގައި ފުނަދޫ ކައުން ސިލުން ވަނީ ފާސްކޮށްފައެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާޙީމްފުޅު "ތިލަދުން"އަށް ވިދާޅުވީ އެރަށުގައި ކަރަންޓްގެ މައްސަލަ ދިމާވީ އިންޖީނުގެގޭގައި ބޭނުންކުރަމުންއައި 5 ޖަނަރޭޓަރުގެ ތެރެއިން 800 ކިލޯ ވޯޯޓުގެ ޖަނަރޭޓަރެއް މަރާމާތު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް 1.2 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ހުއްޓުމާއި ގުޅިގެންކަމަށެވެ.

"އެހެން ދިމާވުމުން ޕީކް ގަޑިއަށް ފުދޭވަރަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ކަރަންޓް ކަނޑަންޖެހުނީ، އިރާދަ ކުރެއްވިއްޔާ 800 ކިލޯ ވޯޯޓުގެ ޖަނަރޭޓަރުގެ މަރާމާތު ނިންމާލެވޭނެ ކުރިއަށް މިއޮއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ދެން 1.2 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ މައްސަލަވެސް ހައްލުކޮށް މަހެއްހާ ދުވަސްތެރޭ އެއްކޮށް ނޯމަލްވާނެ ކަމަށް މިބަލަނީ" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު ވަނީ ދިމާވާ ދަތިތަކަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަޙްމަދު ވިދާޅުވީ ކައުންސިލުން މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ދިމާވާދަތިތައް ފިލުވޭނެ ގޮތެއް ހޯދުމަށްކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ފުނަދޫ ކައުންސިލުން ވަނީ ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ.

ފުނަދޫގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ.