ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

Funadhoo WDC

ށ. ފުނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން "ދަންދާނަ ބާޒާރު 2021" ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ.

ފުނަދޫ ކައުންސިލް އިދާރާގެ ހުޅަގުން އޮތް ހުސްބިމުގައި 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ހާއްސަ ކޮށްފައި ވަނީ ކަނބަލުންނަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ މި މަޢުރަޒު އެ ކޮމެޓީން ރާވާލާފައި މިވަނީ މި މަހުގެ 16 ވަނަ ދުވަހު އަންނަ ބައިނަލްއަޤުވާމީ ކާބޯތެކެތީގެ ދުވަހާއި ގުޅުވާލައިގެން ކަމަށެވެ. އަދި މީގެއިތުރުން މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އެ ރަށުގައި ތަކެތި އުފައްދާ ފަރާތްތަކާއި އަދި ދަނޑުހައްދާ ފަރާތްތަކަށް އެ ތަކެތި އިޝްތިހާރުކުރުމުގެ އިތުރުން ވިއްކައި މަންފާ ހޯދުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

ގްރޫޕްކޮށާއި އަމިއްލަ ގޮތުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މަޢުރަޒުގައި ބަހައްޓާ ކޮންމެ މޭޒަކަށް 25 ރުފިޔާ އެ ކޮމެޓީއަށް ނެގުމަށް ހަމަޖެހިފައިވާއިރު، މީގެ އިތުރުން އެއްވެސް ފައިސާއެއް އެ ކޮމެޓީން ނެގުމަށް ހަމަޖެހިފައިނުވާކަން ފަރުޒާނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަރުޒާނާ ވަނީ މިފަދަ ހަރަކާތްތަކަށް އެ ރަށުގެ ރައްޔިތުންނާއި ފުނަދޫ ކައުންސިލުން އަބަދުވެސް ދެއްވަމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައު އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި މަޢުރަޒުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން 9869997، 9661886 ނަމްބަރަށް ނަމާއި އެޑްރެސްގެ އިތުރުން ފޯން ނަމްބަރ އެސްއެމްއެސް ކުރެއްވުމަށް އިންތިޒާމް ކުރާފަރާތުން ވަނީ އެދިލައްވާފައެވެ.

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިއަހަރުގެ ޖުލައިމަހު އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި