ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި

Feydhoo WDC

ށ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެ ކުރިއަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި އެވެ.

ފޭދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ވަނީ 14 ފަރާތެއް ބައިވެރިވެފައެވެ.

މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 އިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ކޭކް އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލްއަށް ވަނީ ކިޔަވަދީފައެވެ.

ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހައްވާ ޝައުފާ 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހަކީ ފޭދޫގެ އަންހެން ކަނބަލުން އާމްދަނީ ހޯދުމުގެ ގޮތުން ކުރަން ރަނގަޅު މަސައްކަތެއް ކަމަށް ވާތީ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހޯދަ ދިނުންކަމަށެވެ.

އަދި މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ މަރިޔަމް އިވާން ނަމަކަށް ކިޔާ ތަޖުރިބާ ކާރު ކޭކު އެޅުންތެރިއެއް ކަންވެސް ޝައުފާ ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނަ ފޭސްބުކް ޕޭޖް ތަކާއި ތަންތަން ބެލިން. އެންމެ ރަނގަޅުހެން ހީވެގެން އިވާން ގެންނަން ނިންމީ. ވަރަށް ރަނގަޅު ބައިވެރިންނާއި ގުޅޭ ޓީޗަރެއް އެއީ." ޝައުފާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޯހުގެ ފީ އަކީ ކޮންމެ ބައިވެރިއަކަށް -/2500 ރުފިޔާ ކަން ފާހަގަކުރައްވާ ޝައުފާ ވިދާޅުވީ އެ ކޮމިޓީގެ ފަރާތުން ކޮންމެ ބައިވެރިއެއްގެ ފީން -/1500 ރުފިޔާ ދައްކައިދިން ކަމަށާއި ބައިވެރިންގެ އަމިއްލަ އަތުން ދައްކަން ޖެހުނީ -/1000 ރުފިޔާ ކަމަށެވެ.

ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން މިއަހަރު ވަނީ އެރަށުގައި ކޭކު ކޯހުގެ އިތުރުން ފޭދޫގެ އަންހެންވެރިންނަށް އަމާޒުކޮށްގެން ހޭންޑް ބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އަދި އަންނަ އަހަރު ތެރޭގައިވެސް މި ފަދަ އެހެން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޝައުފާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *