ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލުކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑޮކްޓަރ އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މި ދާއިރާއިން ޤާއިމުވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތަކަށް ވަޞީލަތުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންސް ސެންޓަރެއް ރާއްޖޭގައި ޤާއިމުވެފައި ހުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޒުވާން ކުޅުންތެރިން އެމީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަޤްވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.