ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރެވިފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއިއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފާވާކަމަށެވެ.
މީގެ އިތުރުން، ކުޅުދުއްފުށީގައި މަސްތުވާތަކެތި އާންމުވެފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އެ މައްސަލަ ހައްލުކުރުމަށް މުހިންމު އިސްކަމެއްދިނުމަށް މަޝްވަރާ ކުރެވުނުކަމަށް އެ ސިޓީ ކައުންސިލުން ވިދާޅުވި އެވެ.
އަދި ކައުންސިލާއި ސްކޫލުތައް އަދި މަދަނީ ޖަމުޢިއްޔާތަކުގެ ކަންބޮޑުވުންތައް ފުލުހުންނާއި އެކު ބޭއްވުނު މި ބައްދަލުވުމުގައި ހިއްސާކުރެވިފާ ވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ނެއިބަރ ހުޑް ޕޮލިސްގެ ޚިދުމަތް މިހާރު އަންނަނީ މާލެ އާއި އައްޑޫސިޓީގައި ދެމުންނެވެ. އަދި މިދިޔަ އަހަރު ތެރޭގައި ވަނީ ކުޅުދުއްފުށީ ސިޓީގައި އެ ޚިދުމަތް ތަޢާރަފްކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގާފައެވެ.
ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ފެށި ނެއިބަހުޑް ޕޮލިސް ޚިދުމަތަކީ ފުލުހުންގެ ތެރެއިން ނެއިބަރހުޑް ސަޕޯޓް އޮފިސަރުން އެކުލަވާލައި އެ އޮފިސަރުންނާއި އެކިކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުމުގެ އިތުރުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ޚިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!