ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ހަތަރު ތަނެއްގައިވާ ރުއްގަނޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރު 6527177 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް https://forms.office.com/r/GyL3dB72Ln މި ލިންކް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
އެ ކައުންސިލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑު ތަކަކީ، ބަންޑާރަ މައިދާނު ރުއްގަނޑު، ކެމްޕަހު ހުޅަނގު ރުއްގަނޑު، ޖެންޑަރ ހުޅަނގު ރުއްގަނޑުގެ އިތުރުން އައިލެންޑް އެކްސްޕާޓް ދެކުނު ރުއްގަނޑެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ދިނުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!