ހއ.ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ގުޅިގެން އެ ރަށު ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް "ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ދިއްދޫގައި މި މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތިން ދުވަހުގެ ހަރަކާތްތަކުން ވަނީ ޖުމްލަ 213837.95 (ދެލައްކަ ތޭރަހާސް އަށްސަތޭކަ ތިރީސް ހަތްރުފިޔާ ނުވަދިހަ ފަސް ލާރި) އަދި 193 (ޔޫއެސް ޑޮލަރ) ހޯދާފައެވެ.

Ad
rt

މި ހަރަކާތްތަކަށް ހާއްސަކޮށްގެން މިޑިލް ސްޕޯޓްސް އިން ހަދާފައިވާ ޓީޝާޓާއި މާސްކު އަދި ތޮފީގެ އިތުރުން ކަޕްކޭކު ވެސް ވަނީ މި ހަރަކާތްތަކުގައި ވިއްކާފައެވެ. މި ހަރަކާތަށް އެ ރަށުގެ އާއްމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މީގެއިތުރުން އެ ރަށުގެ ގިނަ އަދަދަދެއްގެ މުއަށްސަސާތަކުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ.

މުޙައްމަދު ޝިޔާމްގެ ދެ ކިޑްނީ ފެއިލްވެފައި ވަނީ 2016 ޑިސްމްބަރ މަހު ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯސްކުރެވި ފަރުވާކުރަމުން ދަނިކޮށެވެ. ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަޤީންވެގެން ގޮސްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަސްތެރޭ ހެދި ޓެސްޓްތަކުންނެވެ. އެ ބަލީގެ ސަބަބުން ދެ ކިޑްނީ ފެއިލްވެ ޝިޔާމް މިހާރު އަންނަނީ ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ބޭނުންވާ ކިޑްނީ މިހާރު އެ ޢާއިލާގެ ތެރެއިން ވަނީ ހަމަޖެހިފައއެވެ. ފައިސާގެ ކަންކަން ހަމަޖެހުންހާ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އިންޑިއާގެ ބެންގަލޯގައި ހުންނަ އެން ޔޫ ހޮސްޕިޓަލަށް ދިއުމަށް ޝިޔާމް މިހާރު ވަނީ ތައްޔާރުވެފައެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބު ފާހަގަ ކުރެވެނީ އެ ރަށުގެ މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް އިވެންޓްތައް ހިންގަމުން އަންނަ ކުލަބެއްގެ ގޮތުގައެވެ. މިގޮތުން އެ ކުލަބުން ވަނީ މި އަހަރުގެ އޭޕްރިލް މަހު އެ ރަށު މުޙައްމަދު ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުނަ ހަރަކާތެއް ހިންގައި ނުވަދިހަ ހަހާހަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.