ރ. ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ވަނީ މި މަސައްކަތް ފެށުމަށް އިއްޔެ ސައިޓު މޮބިލައިޒް ކުރުމަށްފަހު މަސައްކަތްތައް ފަށާފައެވެ.

Ad
rt

މި މަސައްކަތުގެ ދަށުން އެ ރަށުގެ ހާބަރުގެ ބަންދުވެފައިވާ ސަރަހައްދުގައި ހުރި ވެލި ނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން އޮތީ ދަތިވެފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދިނުމަށް އެދި އަޑު އުފުލާފައެވެ.

މި ބަނދަރު ހެދީ 2010 ވަނަ އަހަރުގައެވެ. އެގޮތުން، މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނަގައި، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހުއެވެ. ނަމަވެސް އިންފާރު ހަލާކުވެ، 2011 ވަނަ އަހަރުން ފެށިގެން ފަޅަށް ވެލި ވަންނަން ވަނީ ފަށައިފައެވެ.