ޗައިނާގެ 72 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗައިނާ މޯލްޑިވްސް ކަލްޗަރ އެސޯސިއޭޝަން (ސީއެމްސީއޭ) އިން ކުޅުދުއްފުށީ ސިޓީގައި ހަފްލާއެއް ބާއްވައިފި އެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދެވުނު މި ހަފްލާގައި ސީއެމްސީއޭ ގެ ފައުންޑަރު އަދި ޗެއާމަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ރަޝީދުއާއި އެސޯސިއޭޝަންގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ފަރާތްތަކުން ބައިވެރިވެފާވެއެވެ.

މި ހަފްލާ ފާހަގަކޮށް ޗައިނާގެ ރައްޔިތުންނާއެކު ދިވެހިން ތިބި ކަން ހާމަކޮށްދީ، ޗައިނާގެ ރައްޔިތުންނަށް ކީ ތަހުނިޔާ ފާހަގަކޮށް ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވޯންގް ލިކްސިން ވަނީ ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން، ސީއެމްސީއޭ ގެ ޗެއާމަން މުޙައްމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ހަފްލާ ޝަރަފްވެރިކޮށްދެއްވި ކަމަށްޓަކައި މޭޔަރު އާތިފް އަށް ޝުކުރުދަންނަވާފައެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަމުންދާ މި ހަފްތާގައި ރާއްޖޭގެ ފަރާތުން ވަނީ ތަހުނިޔާގެ ވީޑިއޯ މެސެޖްއެއްވެސް ފޮނުވާފައެވެ. މި ވީޑިއޯގައި ދިވެހި ބައެއް ރައްޔިތުން އިނގިރޭސިންނާއި ދިވެހިން އަދި ޗައިނާ ބަހުން ތަހުނިޔާތަން ފެނިގެންދެ އެވެ. މި ވީޑިއޯ އަކީ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރ އޯރގަނައިޒޭޝަން (އެމްސީޓީސީއޯ) އިން ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ.

ޗައިނާގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ. މިދުވަހަކީ ޗައިނާގައި ކުރިން ކުރަމުން އައި ޑައިނަސްޓިކް ނުވަތަ އާއިލީ ވެރިކަން ނިމުމަކަށް އައިސް ޑިމޮކްރަސީ އަށް ބަދަލުވާން ފެށުނު ދުވަސް ކަމަށް ބޭރުގެ ބައެއް ލިއުންތަކުގައި ބުނެއެވެ.

އެ ގައުމުގައި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަފްތާއަކަށް ސަރުކާރު ބަންދުކުރެ އެވެ. އަދި އެ ހަފްތާގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ޗައިނާ މީހުން މިހަފްތާއަށް ކިޔަނީ 'ގޯލްޑެން ވީކް' އެވެ.