ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ އިޚްލާޞް ޤުރުއާން ކުލާހުން ހދ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ.
އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާ ގުޅިގެން، ނޮޅިވަރަންފަރާއި، ނޮޅިވަރަމާއި ކުރިނބީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައި ވަނީ 02 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ހޯލުގައެވެ.
އެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ކުޅުދުއްފުށި ސިޓީގެ ޑެޕިޔުޓީ މޭޔަރ އަލްފާޟިލް ޢަލީ އަޙްމަދު އެ ޖަލްސާގައި ބައިވެރިވި ދަސްވެނިންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
އެ ދަސްވެނިވުމުގައި 19 ކޯހަކުން ޖުމުލަ 340 ދަރިވަރުން ދަސްވެނިވެފައިވާއިރު، ދަސްވެނިންގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް 1 އިން ޤިރާޢަތު ކޯހުގެ 4 ބެޗެއްގެ ދަސްވެނިންނާއި، ސެޓްފިކެޓް 2 އިން ޤިރާޢަތު ކޯހުގެ 4 ބެޗަކުން ދަސްވެނިވި ދަސްވެނިންނާއި، ސެޓްފިކެޓް 3 އިން ޤިރާޢަތު ކޯހުގެ 6 ބެޗަކުން ދަސްވެނިވި ދަސްވެނިންނާއި، ސެޓްފިކެޓް 4 އިން ޤިރާޢަތު ކޯހުގެ 3 ބެޗަކުން ދަސްވެނިވި ދަސްވެނިންގެ އިތުރުން ޑިޕްލޮމާ އިން ޤިރާޢަތު ކޯހުގެ 2 ބެޗަކުން ދަސްވެނިވި ދަސްވެނިނެވެ. ކޮންމެ ބެޗަކުން 1 ވަނަ ޙާޞިލު ކޮށްފައިވާ ފަރާތްތަޖަށް އިނާމު މި ޖަލްސާގައި ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހަދިޔާ ދީފައެވެ.
އިޚްލާޞް ޤުރްއާން ކުލާހަކީ 2014 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ކުލާހެކެވެ. މި ކުލާހުގައި މަރްޙަލާ 1 އިން ފެށިގެން މަރްޙަލާ 12ގެ ނިޔަލަށް ކުދިންނަށް ޤުރްއާން އުނގަންނައިދިނުމުގެ ކުލާސްތައް ވެސް ކުރިއަށް ގެންދެއެވެ. މީގެއިތުރުން އުމުރުން 2 އަހަރުން މަތީގެ ކުދިންނަށާއި ބޮޑި މީހުންނަށް ޚާއްޞަކޮށް ތަފާތު 12 މަރްޙަލާއަކަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވައިދިނުމުގެ ކުލާސްތައް މި ކުލާހުގައި ދަނީ ހިންގަމުންނެވެ.
ކުޅުއްފުށި ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި ޤުރްއާން އުނގަންނައިދިނުމު ކުލާސްތައް އިޚްލާޞް ޤުރްއާން ކުލާހުގައި ކުރިއަށް ގެންދަމުން އަންނައިރު، އެ ކުލާހުގެ ކިޔަވައިދޭ ކޮންމެ މަރްޙަލާއަކަށް ވެސް ކިޔަވައިދެނީ އެކަމަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ދަރިވަރުންގެ ފޮތުންނެވެ.
2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ ޤުރްއާން ކުލާހުގެ ދާއިމީ ގޮތްޕެއް ހދ. ކުރިނބީގައި ވެސް ޤާއިމުކޮށްފައެވެ. އަދި އެ ކުލާހުގައި ވެސް މަރްޙަލާ ޤުރްއާން ކުލާސްތަކާއި ޤާރީކޯސްތައް ހިންގަމުން އަންނައިރު އެ ކުލާހުން އިސްނަގައިގެން ކުޅުދުއްފުށި ސިޓީއާ ކައިރި ބައެއް އިތުރު ރައްރަށުގައި ވެސް ޤާރީ ކޯސްތައް 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އަންނަނީ ހިންގަމުންނެވެ.ް.
އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުނާނާއާއި ގުޅިގެން އިޚްލާޞް ޤުރްއާން ކުލާހުގައި ޤާރީ ކޯސްތަކަށް ކިޔަވައިދޭން ފެށިފަހުން މިހާތަނަށް 855 ދަރިވަރުން އެކިއެކި ކޯސްތަކުން ދަސްވެނިވެފައިވާ ކަމުގައި އިޚްލާޞް ޤުރްއާން ކުލާހުގެ ހެޑްމާސްޓަރ އަލްފާޟިލް މޫސާ މާހިރު "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!