ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ ވެލި ތައްޔާރު ކުރާނެ ގޮތާއި، ގަސްތަކަށް ފެނާއި ކާނާ ދިނުމުގެ އުޞޫލުތަކުގެ އިތުރުން ގަސްގަހަށް ޖެހޭތަފާތު ބައްޔާއި އެ ބަލިތަކަށް ދޭނެ ފަރުވާ ހިމެނެއެވެ.
ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ކުރިމަތިލާ ފުރަތަމަ 30 ބައިވެރިންނަށެވެ. މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00ން 18:00 އަށް އަދި ރޭގަނޑު 20:00ން 22:00 އަށެވެ.
މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން ކުލަބް ޕޯލްސްޓާގެ ރައީސް މުޙައްމަދު ސުޖާޢު ބުނެފައިވަނީ ފަހަކަށް އައިސް ރަށުގެ އާބާދީގެ މެދުގައި ގަސްއިންދައި ހެއްދުމަށް ލޯބިކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިގޮތުން މިހާރު ގިނަ ގޭބިސީތަކުގައި މައު ގަސްތައްފަދަ ގަސްތައް ގިނަ އަދަދަކަށް ހައްދަމުން އަންނަ ކަމަށެވެ.
ވުމާއެކު ގަސްއިންދާ ހެއްދުމަށް ލޯބިކުރާ ފަރާތްތަކަށް އެކަން ރަނގަޅަށް ދަސްކޮށްގެން ކުރުމުގެ ފުރުޞަތު ހޯދައި ދިނުމަކީ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދު ގޮތުގައި ސުޖާޢު ވަނީ ފާހަގަ ކޮށްފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުފުޅުވާ ފަރާތްތަކުން 7907031 ނުވަތަ 7980013 އަށް ގުޅުއްވުމަށް މި ޕްރޮގްރާމް އިންތިޒާމްކުރާ ފަރާތުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!