ބާމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ކުއީންސް ބެޓަން) މި ފެށޭ އާ އަހަރުގެ ފުރަތަމަ ދުވަސް ހޭދަކުރާނީ ރާއްޖޭގައިކަމަށް ބާމިންގހަމް ކޮމަންވެލްތް ގޭމްސް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

އަންނަ 2022 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު، 90،000 މޭލުގެ ދަތުރެއް މުޅި ދުނިޔެ ވަށައި ޖެހުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިނގިރޭސި ރާނީގެ ގަނޑުވަރު "ބަކިންގހަމް ޕެލަސް"އިން ފެށިގެން ކޮމަންވެލްތްގެ 72 ޤައުމެއްގައި ދަންމަރު ހިފައިގެން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުގައި އެކި ހިސާބުތަކުން ދަންމަރު އުފުލުމުގައި ބައިވެރިވާ މީހުންގެ އަދަދު 7500އަށް އަރައެވެ.

Ad
rt

އޮކްޓޯބަރު 7 ވަނަ ދުވަހު ދަންމަރުގެ ދަތުރު ފެށޭއިރު މިކަން 269 ދުވަހަށް ދެމިގެން ދާނެއެވެ. އެންމެ ފަހުން ދަންމަރު ލިބޭ ޤައުމަކުން އަނބުރާ އިންގިރޭސި ރާނީގެ އަތްޕުޅަށް ޖުލައިމަހު ދަންމަރު އަރުވައި، ކޮމަންވެލްތް ގޭމްސް ފެށިގެންދާނެއެވެ.

ދަންމަރުގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ބަރމިންގްހަމް އިން ސައިޕްރަސްއަށެވެ. ދެން މަލްޓާއަށް ފަހު 3 ދުވަހަށް ޕާކިސްތާނުގައި މަޑުކުރުމަށްފަހު އައު އަހަރުގެ ފުރަތަމަ ދުވަހު ދިވެހިރާއްޖެއަށް ބެޓަން ފޯރާނެއެވެ. ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ކުރިން އިންޑިއާގައި 4 ދުވަސް ހޭދަކުރުމަށްފަހު، ކޮމަންވެލްތް ދުވަސް ދަންމަރު ފާހަގަކުރާނީ އަންނަ މާރިޗްމަހު ނިއުޒިލޭންޑްގައެވެ. އެއަށްފަހު ދަންމަރު ދަތުރު ގެންދާނީ އޮސްޓްރޭލިއާއަށެވެ.

ދެ މަސްދުވަހަށް ކެރީބިއަން އަދި އެމެރިކާގެ ސަރަހައްދުތަކުގައި ދަންމަރުގެ ދަތުރުތައް ކުރިއަށްދާނެކަމަށާއި، އެއަށްފަހު މޭމަހުގެ ތެރޭގައި ކެނެޑާ އަދި ގިބްރާލްޓަރގައި ދަންމަރު ދަތުރުކުރާނެއެވެ. ޔޫރަޕްގެ ޤައުމުތަކަށްފަހު ވޭލްސްއަށް ދަންމަރު ދަތުރުކޮށް ޖުލައި މަހު އިންގިރޭސިވިލާތައް އިނގިރޭސި ރާނީގެ އަތްޕުޅަށް ދަންމަރު އަނބުރާ ގެނައުމަށް ވަނީ ރާވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ ރައީސް ޑޭމް ލުއިސް މާރޓިން ފާހަގަކޮށްފައިވާ ގޮތުގައި ދަންމަރު ރޭހަކީ ކޮމަންވެލްތް ގޭމްސްގެ އެންމެ މުޙިއްމު އަދި އެންމެ ޚާއްސަ ބައިގެ ގޮތުގައި ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ދަންމަރު ރިލޭއިން ކޮމަންވެލްތް ޤައުމުތަކުގެ ގާތްގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ދޭ އިޙްތިރާމާއި ލޯބި ފެނިގެންދާކަކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ކޮވިޑްގެ މި ދަތިހާލުގައި ދަންމަރު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުންވާނީ ވަރަށްވެސް ވާދަވެރިކަމަކައްކަން ފާގަހަކޮށްފައިވެއެވެ. އަދި ކޮވިޑްއާއި ގުޅިގެން ކުއީންސް ބެޓަން ރިލޭއަށް އެއްވެސް ބުރޫއެއް ނާރާނެކަމަށާއި ހުރިހާ ޤައުމުތައް ބައިވެރިކޮށްގެން މިދަތިހާލުގައިވެސް ރިލޭ ބޭއްވުމަށް އެކި ގޮތްގޮތުން މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

2022 ވަނަ އަހަރަކީ ކުއީންސް ބެޓަންގެ ޖުބިލީ އަހަރުގެ ގޮތުގައި ފާހަގަކޮށް ވެސްޓް މިޑްލޭންސްއިން ދަންމަރު ފަރުމާކޮށްފައި ވަނީ ޕްލެޓިނަމްއިން އަހަރުތައް ދައްކައިދޭ ގޮތަށް ދިގުމިން ބައްޓަންކޮށްގެންނެވެ. ދަންމަރު ޑިޒައިންކޮށްފައިވާ ލައުރާ ޔަހުޔޭ ބުނެފައިވާ ގޮތުގައި، ދަންމަރު ދަތުރުކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބަލައި ދަންމަރު ފަރުމާ ކުރުމުގައި މާ އަގުބޮޑު އެއްޗެތި ބޭނުންކޮށްފައިނުވާނެއެވެ.

ދަންމަރު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކޮމަންވެލްތް ޤައުމުތަކާއި ގުޅޭ ގޮތަށްކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން އިންސާނުންނާއި ގާތް ގޮތްތައް ދައްކުވައިދޭފަދަ ޑިސައިނަކަށް ދަންމަރު ހެދުމަށް އިސްކަންދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޕްލާސްޓިކް އަދި ކޮޕަރ ބޭނުންކޮށްގެން މި ދަންމަރު ވަނީ ތައްޔާރުކޮށްފައެވެ.

ދަންމަރުގައި 360 ޑިގްރީ ކެމެރާއެއް ހަރުކޮށްފައިވާއިރު، މިކެމެރާއިން ދަންމަރުގެ ދަތުރު ރެކޯރޑްކުރެވެއެވެ. ދަންމަރު ދަތުރުކުރާ ހުރިހާ ޤައުމުތަކެއްގެ ތިމާވެއްޓާއި ވެހޭ މަޢުލޫމާތުތައް މި ކެމެރާއިން ދެނެގަނެވޭނެއެވެ. އަދި ދަންމަރުގައި އަތްލައިގެން ހުންނަ މީހާގެ ހާރޓްރޭޓް މޮނިޓަރކުރުމުގެ އިތުރުން ދެމީހަކު ދަންމަރު އުފުލާލުމަށް އަތްލައިފިނަމަ ދަންމަރު ދިއްލޭ ގޮތަށް ވަނީ ފަރުމާކުރެވިފައެވެ.

2022 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ގައި ފެށިގެން 8 އޮގަސްޓްއާއި ހަމައަށް ކުރިއަށްދާ ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި 72 ޤައުމަކުން 4،500 އެތްލީޓުން ބައިވެރިވާނެއެވެ.