ކޯވިޑް-19ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފްރަންޓްލައިން އެލަވަންސް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދޫކޮށްފަ ވެއެވެ. އެ ފަރާތްތަކަށް ޖުމްލަ 177.3 މިލިއަން ރުފިޔާ ދޫކޮށްފަވެއެވެ.

Ad
rt

ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާއެވެ. އެ ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތަކެވެ.

މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ ދޭއިރު މި ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ.

އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ ދެމުންދާއިރު، ލޯ ރިސްކު މީހުންނަކީ ހައި ރިސްކް އަދި މީޑިއަމް ރިސްކުގެ ގިންތިއަށް ނުފެނޭ އެކަމަކު ކޯވިޑް 19އާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ގޮތުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ.

މި އެލަވަންސް ދޭން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. ރާއްޖޭގައި ފުރަތަމަ ކޯވިޑް ޕޮޒިޓިވް ކޭހެއް ރިޕޯޓްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ.