ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ނިންމާފައިވާ ނިންމުމުގެ ދަށުން ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިރޭ ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ދިފާޢުވުމަށްޓަކައި 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ ތެރެއިން ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ބޫސްޓާ ޑޯޒްއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ.

Ad
rt

އެގޮތުން ފައިޒާ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި 6 މަސްދުވަސް ހަމަކޮށްފައިވާ މީހުންގެ ތެރެއިން އެޗްޕީއޭއިން ކަނޑައެޅި ކެޓަގަރީތަކުގެ މީހުން ބޫސްޓާ ޑޯޒް ޖެހުމަށް ނަން ނޯޓްކުރުމަށް ވަނީ އަންގާފައެވެ.

މިޑޯޒް ޖަހެމަށް ކަނޑައަޅާފައިވަނީ މާލޭ ސިޓީގެ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް އުސޫލުންކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭ ގަޑިތަކަކީ، ހެންދުނު 9 އަކުން މެންދުރުފަހު 2 ކަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭ ގަޑިތަކަކީ، މެންދުރު 1 އިން މެންދުރުފަހު 3 އަށެވެ.

ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ތެރޭގައި، ދިފާއީ ނިޒާމު ބަލިކަށި މީހުން، 60 އަހަރުން މަތީގެ މީހުން ، އޮކްސިޖަން ތެރެޕީ ނަގާ މީހުން، ގަވައިދުން ޑައިލިސިސް ހަދާމީހުން، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާއީ ބާރު ބަލިކަށި ކޮށްލާ ފަދަ ބޭސް ބޭނުން ކުރާ މީހުން، ބީ.އެމް.އައި 40 އަށް ވުރެ މަތި ނުވަތަ އާދަޔާ ޚިލާފަށް ބަރު މީހުން، ކެންސަރަށް ފަރުވާކުރާ ނުވަތަ ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުން، ބައްޔެއްގެ ސަބަބުން އެނދުމަތިވެފާ ތިބެ މީހުން، ހަކުރުބައްޔާއި ގުޅިގެން އެއްވެސް ގުނަވަނަކަށް ގެއްލުންވެފައި ތިބި މީހުން، ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޙިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ދާ ފަރާތްތަކުން ކުރިން ވެކްސިން ޖަހާފައިވާކަން އަންގައިދިނުމަށް ދީފައިވާ ލިޔެކިޔުންތައް ހިފައިގެން ދިއުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.