"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ލަންކާއާއި ވާދަކޮށް ބަންގްލަދޭޝް މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ބަންގްލަދޭޝްގެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ހަމަލާއަކީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ބަންގްލަދޭޝް ޓީމްގެ ޔެސިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެ ޓީމްގެ ޓޯޕޫ ބޮލުން ފޮނުވާލި ހަމަލާއެވެ. އެ ހަމަލާ ލަންކާގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫއެވެ. މިއީ އޭރިއާ ތެރެއިން ލަންކާގެ ޑަކްސަން ޕުސްލަސްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ފަހުން ރެފުރީއާއި ހަޑިހުތުރު ބަހުން މުޢާމަލާތު ކުރުމުން ޑަކްސަންއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ލީގު އުސޫލުން ކުރިޔަށްދާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދަނީ ޖުމްލަ ފަސް ގައުމާއިއެކުއެވެ. އެއީ ދިވެހިރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލެވެ.
މި މުބާރާތް މިއަދު ހަވީރު ފެށިނަމަވެސް މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗު ފެށުމުގެ ކުރިންނެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައެވެ.