ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހދ. ކުޅުދުއްފުށި އެއަރޕޯރޓުން ފުރައިގެންވެސް ސްޕީޑް ލާންޗެއްގައި 25 މިނިޓުން ހދ. ނައިވާދޫއަށް ފޯރާނެއެވެ.

އާބާދީގައި 866 މީހުން ތިބި ނައިވާދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ނައިވާދޫއަކީ އަތޮޅުގައި ހިޖުރަކުރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއްރަށްވެސް މެއެވެ.

Ad
ooredoo

ޚުލްޤުހެޔޮ ރައްޔިތެއް، ސާފު، އަމާން ވެއްޓެއް

ނައިވާދޫއަކީ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ނައިވާދޫގެ ބަނދަރުން ރަށަށް ފައިބާ ހިސާބުންވެސް ރަށުގެ އަމާންކަން ހިތައް ސިފަވާން ފަށާނެއެވެ. ރަށުގެ ސާފުތާހިރުކަން ފެންނަން ފަށާނެއެވެ. މުޅި ބަނދަރު ސަރަޙައްދާއި، ރަށުގެ މަގުތަކުންވެސް އަދި ނަލަނަލަ ގޮނޑު ދޮށުންވެސް ފެނިގެންދާނީ ސާފުތާހިރުކަމެވެ. މުޅި ރަށުން ތަޖުރިބާ ކުރެވޭނީ އަމާންކަމެވެ. ރަށުގެ ރައްޔިތުންގެ ރިވެތި ޚުލުޤާއި، ސާފުތާހިރުކަމަށް ރަށުގެ އަމާންކަން އެއްވުމުން ރަށަކުން ހިތްތަކަށް ލިބިދެވޭނެ ހިތްއުފާކަން ލިބިދޭނެއެވެ.

މިކަމަށް ބާރުލިބިދޭ އަނެއްކަމަކީ އިޖުތިމާޢީ އެއްވެސް މައްސަލައެއްވެސް ރަށުގައި ނެތުމެވެ. މަސްތުވާތަކެތީގެ ވަބާއިންވެސް ރަށްއޮތީ ސަލާމަތްވެ، މިޒަމާނުގައި ރާއްޖޭގައި މަދުން ނޫނީ ނުފެންނާނެފަދަ ރަށެއްގެ ގޮތުގައެވެ. މިއީ، ހައްތަހާވެސް ލޯކަލް ޓޫރިޒަމަށް ނުވަތަ ގެސްޓުހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށާއި، ޗުއްޓީއަށް އެރަށަށް ޒިޔާރަތްކުރުމަށް އެންމެ މުހިންމުވާ ސަބަބުތަކެވެ.

ޤުދުރަތީ ރީތި ގޮނޑުދޮށާއި ތުނޑި، ހިތްދަމައިގަންނަ ރުއްތަކެއް ރަށުގެ ސާފު ނަލަ ނަލަ ގޮނޑު ދޮށާއި، ރަށުގައި އޮންނަ ހިތްދަމައި ގަންނަ ރުއްގަނޑަކީ ދަތުރުވެރިންގެ ހިތަށް އަރާމު ލިއްބައިދޭނޭ ތަންތަންކަން ކަށަވަރެވެ. ރަށުގެ ތުނޑިއަކީ ވަކިން ހިތްދަމައިގަންނަ ތަނެކެވެ. ހުޅަނގު ފަރާތު ގޮނޑުދޮށް ވަށައިގެންވާ ވެށިން ފަތުރުވެރިންނާއި ދަތުރުވެރިންގެ ހިތްތައް ފުރާލަދޭނެއެވެ.

ނައިވާދޫއަކީ ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރުމަށް ދަތުރުވެރިންނަށް ހިތްހަމަ ޖެހުން ލިބިދޭނެ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެއްކަމާމެދު ޝައްކެތްނެތެވެ. ލޯކަލް ޓޫރިޒަމަށް ނައިވާދޫގައި އިންވެސްޓް ކުރުން މުހިންމުވާ ސަބަބުތަކަކީވެސް މިއީއެވެ.

ނައިވާދޫއާއި ހދ. އަތޮޅުވެސް އެދޭ އެދުމެއް

ރަށުކައުންސިލުން ފަތުރުވެރިކަމަށް ގެސްޓު ހައުސް ތަރައްޤީކޮށް ހިންގުމަށް، ރަށުގެ ލޭންޑް ޔޫޒު ޕްލޭންގައި ބިން ހިމަނައި، އެ ޕްލޭންވަނީ ފާސްވެސް ކޮށްފައެވެ. ދެން އޮތީ މިހާރު އޮތް މަރުހަލާއިން ކުރިއަށް ގެންދިއުމެވެ.

ނައިވާދޫއަކީ އިސްވެ ދެންނެވި އެތައް ސަބަބުތަކަކާއި ހުރެ ކާމިޔާބު ފަތުރުވެރިކަމުގެ ގެސްޓު ހައުސް ވިޔަފާރި ހިންގޭނޭ ރަށެއްކަން ކަށަވަރެވެ. ގެސްޓު ހައުސް ވިޔަފާރި ތަރައްޤީވެގެން ދިއުމުން ފަތުރުވެރިންގެ އިތުރުން ދިވެހިންވެސް ޗުއްޓީތަކުގައި ހިތްއުފާކޮށްލަން ޒިޔާރަތްކުރާނެ މަންޒިލަކަށް ނައިވާދޫ ވާނެއެވެ.

ޓޫރިޒަމްގެ ހުޅުކޮޅުން ކިރިޔާ އަލިވާ ހދ. އަތޮޅު ވަނީ މިކަމަށް ކެތްމަދުވެފައެވެ. ނައިވާދޫ ފަދަ މިފަދަ ފުރުޞަތުއޮތް އެތައް ރަށެއް ހުރުމާއެކު، ހުވަފެނުގައި ކުލަޖެހުމީ އަތޮޅު ރައްޔިތުންގެ އުންމީދެވެ.

ފޮޓޯ: ބިއުޓިފުލް ނައިވާދޫ ފޭސްބުކް