ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.
އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެގޮތުން، ބަނދަރު ޑިޒައިން ކުރާއިރު ރަސްމީ ފާލާމާއި ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، ކޮމާރޝިއަލް އޭރިޔާ ނުވަތަ ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓާއި، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް، ބަނދަރު ފެހިކުރުމަށް ގަސް އިންދުން، ޕޭ ޓޮއިލެޓް، ވިޔަފާރި ގުދަންތަކާއި ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތުގެ އިތުރުން ބަނދަރު އޮފީސް އަދި މީހުން އިށީނުމަށް ހަޓް ނުވަތަ ބެންޗު ހިމަނަންވާނެ ކަމަށް ކައުންސިލުން ވިދާޅުވެފަވެއެވެ.
އަދި މި ބައިތަކުގެ އިތުރުންވެސް ބަނދަރު ސަރަޙައްދުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކުރާއިރު އިތުރު ބައިތަށް ހިމަނަށް ބޭނުންވާނަމަ އެބައިތަށް ކުރެހުމުގައި ހިމަނިދާނެކަމަށްވެސް އިހަވަންދޫ ކައުންސިލުން ފާހަގަކުރައްވާފަވެއެވެ.
ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 14 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެރަށު ކައުންސިލްގެ އިދާރާއަށް ކޮންސެޕްޓް ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!