ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ މައި އިދާރާގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަން ފާހަގަކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދިޔަކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ޞިއްޙީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަންޖެހުނުކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ވެކްސިންގެ ހަމަހަމަކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސް ޞާލިޙް ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުންދީ، ހުރިހާ ޤައުމުތައް އެކުގައި މަސައްކަތްކޮށް، ކޯވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން ކޯވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް އެޖަމާޢަތުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އ.ދ. އާއި ރާއްޖެއިން އިސްކަންދޭ މުހިންމު މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!