ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި

Dhahparu

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު "ތިލަދުން"އަށް ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ މި މަޝްވަރާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމްގެ އިތުރުން ރައީސް އޮފީހުން ބައިވެރިވިކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފާހަގަ މިކުރަނީ އެއްގޮތަކަށް ވެސް އެތާނގައި މަޝްރޫޢުއެއް ހިންގާތީ އޮތް ކަންބޮޑުވުމެއްނޫން، ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ބޭފުޅަކު ދައްޕަރު ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުގައި އޮތުމަކަށް މައްސަލައެއް އޮތްކަމަކަށް އިންކާރު ކުރައްވާ ވާހަކަ ދައްކަވާފައެއްނުވޭ، ދެން ރައީސް އޮފީހުން އެކަން ރަނގަޅަށް ނިންމަވާނެކަމުގެ އުންމީދުގައި މިތިބީ" ފަތުހުﷲ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/71649

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.

އެނިންމުމާއެކު ފިއްލަދޫ ކައުންސިލާއި ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމައްސަލާގައި އެރަށުގެ ރައްޔިތުންގެ މެދުގައި ޕެޓިޝަނެއްގައި ވެސް ދަނީ ސޮއިކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އެ ޕެޓިޝަން ސަރުކާރަށް ހުށަހެޅުން އެކަށީގެންވެއެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އެހެންވެ ކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއްކަމަށެވެ. އަދިފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ މިކައުންސިލުން ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.

https://thiladhun.wonstasite.com/71572

މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *