ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ދައުލަތްތައް (އ.ދ) ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ.
މިދަތުރުފުޅުގައި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ޞާލިޙް ތަޤްރީރު ކުރައްވާނެއެވެ. ރައީސް ޞާލިޙް ތަޤްރީރު ކުރައްވަން ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ޞާލިޙް ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޞާލިޙް ފުރާވަޑައިގެންނެވިއިރު، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެއްސަކު ދުނިޔޭގެ މިފެންވަރުގެ މަގާމަކަށް އިންތިޚާބުވި ފުރަތަމަ ފަހެރެވެ.
ރައީސް ޞާލިޙް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!