ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން" އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ.
ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ނޮޅިވަމުން ކޯވިޑް ބަލި ޖެހުނު މީހުން ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެކެވެ.
އެ މީހާ މާލެ ފޮނުވާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ޗާޓަރު ފްލައިޓެއްގައި ހަނިމާދޫ މަގުންނެވެ.
ނޮޅިވަރަމުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ހާލަތު ގޯސްވި މީހަކު ކުރިން ވަނީ ށ ފުނަދޫގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ގެންގޮސްފަ އެވެ.
އެރަށުގެ ކޯވިޑްގެ ހާލަތު ވަރަށް ގޯސް ވުމަށްފަހު މިހާރު އެރަށުގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުންނެވެ.
28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން އެރަށުން 274 މީހަކު ޕޮޒިޓިވްވިއެވެ. މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 166އަށް ތިރިވެފައެވެ.
ނޮޅިވަރަމުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުވެއެވެ. އެއީ 7 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހެކެވެ.
28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓިންގެ ހާލަތަށް ވެސް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!