ހދ. ނޮޅިވަރަމުގެ އަމިއްލަ ޕިކަޕުގައި ބަލިމީހުން އުފުލުމާއި ސިއްހީ ޚިދުމަތްތެރިންގެ ބޭނުންތަކަށް އަމިއްލަ ސައިކަލު ބޭނުން ކުރަން ޖެހުމުގެ މައްސަލައަަށް ވަގުތީ ހައްލެއް ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އެކަމަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭ ކަމަށް ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވެއްޖެ އެވެ.

ސެންޓޭ ވިދާޅުވި ގޮތުގައި މި މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވަނީ އެރަށުގައި އޮންނަ ބާވެ، ހަލާކުވެ ބަދަލަކަށް ބޭނުންވެފައިވާ އެމްބިއުލަންސް މަރާމާތުކުރުމުން ކަމަށެވެ. އެމްބިއުލަންސް މަރާމާތު ކުރެވުނެއްކަމަކު އުންމީދަކީ އަވަސް މުސްތަގުބަލެއްގައި އައު އެމްބިއުލަންސް އެއް އެރަށަށް ލިބުން ކަމުގައިވެސް ސެންޓޭ ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން، ނޮޅިވަރަމުގައި ސިއްހީމަރުކަޒުގެ އިންސާނީ ވަސީލަތް މަދުވެ، ޚިދުމަތް ފޯރުވުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރު.އެޗް) ގެ މުވައްޒަފުން ފޯރުކޮށްދީ، އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާކަން ސެންޓޭ ފާހަގަކުރެއްވި އެވެ.

އަދި ނޮޅިވަރަމު ސިއްހީ މަރުކަޒަށް މިވަގުތު ބޭނުންވާ މުވައްޒަފުން ނެގުމުގެ ހުއްދަ ލިބި، މުއައްޒަފުން މަދުވުމުގެ މައްސަލައަަށް ދާއިމީ ހައްލެއް ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް ސެންޓޭ ވިދާޅުވިއެވެ.

"ސަރުކާރާއި ކޭ.އާރު.އެޗް ގެ ވެރިންނާއެކު ގުޅިގެން ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް މިހާރުވެސް ވަނީ ލިބިފައި.. ﷲ އިރާދަކުރެއްވިއްޔާ މި ބޭނުންވާ ބަދަލު ގެނެވޭނެ..."

ސެންޓޭ ވިދާޅުވިއެވެ.

އެރަށު ކަރަންޓީނުގައި ހުރި ކޮވިޑްގެ ޕޭޝަންޓެއް ދާދި ފަހުން ހޭނެތުމާއި ގުޅިގެން އަމިއްލަ ޕިކަޕެއްގައި އޭނާއި ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ކޭ.އާރު.އެޗުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ސެންޓޭ ވަނީ އެ ހޮސްޕިޓަލްގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުދަންނަވާފައެވެ.

މީގެ ކުރިން ސެންޓޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެރަށުގެ އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެއީ ބޮޑު އިޙްމާލެއް ކަމަށް ވިދާޅުވެފައެވެ.

ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.