ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާން ކާމިޔާބުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި ޒެނިތު ސެއިންޓް ޕީޓްސްބާގް ބައްދަލުކުރި މެޗުން ހަނިގޮތަކަށް ޗެލްސީ މޮޅުވެއްޖެއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ބާސާގެ ގޯލާއި އަމާޒުކޮށް އެ ޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ބާސާއަށް މުޅި މެޗުގައި ވެސް ބަޔާނުގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވެއެވެ.
މެޗުގައި ބަޔާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 34 ވަނަ މިނެޓުގައެވެ. މި ލަނޑު ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބަޔާންގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. މިއީ މުލާ ބާސާކޮޅަށް ޖެހި ހަތްވަނަ ލަނޑެވެ.
ބަޔާނުން މެޗުގައި ލީޑު ފުޅާކޮށްފައި ވަނީ 56 ވަނަ މިނެޓުގައެވެ. މި ލަނޑު ލެވަންޑޯސްކީ ކާމިޔާބު ކޮށްދީފައިވާއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ވެސް ލެވަންޑޯސްކީއެވެ. މެޗުގައި ލެވަންޑޯސްކީ ކާމިޔާބުކުރި ދެ ލަނޑާއިއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 75 އަށް އަރާފައެވެ.
ގްރޫޕް އެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން އަމިއްލަ ދަނޑުގައި ޒެނިތުގެ މައްޗަށް ކުރިހޯދާފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު 69 ވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލްކުއޭޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ސެވިއްޔާއާއި ރެޑްބުލް ވާދަކުރި މެޗު ނިމިފައިވަނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޔުވެންޓަސް ވަނީ މަލްމޯގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ވިލަރެއާލްއާއި އެތުލާންޓާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޑައިނަމޯ ކިއެވްއާއި ބެންފީކާ ބައްދަލުކުރި މެޗު ނިމިފައި ވަނީ އެއްވެސް ބަޔަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!