ޑައިބެޓިކްސް ނުވަތަ ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އައުޓްރީޗް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުމަށް ހަމަޖެހިފައި ވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ވިދާޅުވެއްޖެ އެވެ.
މި ޕްރޮގްރާމަކީ ނޭޝަނަލް ޑައިބެޓިކް ސެންޓަރ އަދި ކޭއާރްއެޗް ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
އަދި މި އައުޓްރީޗް ކޭމްޕުގެ މައިގަނޑު މަގްސަދަކީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައި ތިބި އެންމެހާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ދިނުމާއި ކޭއާރްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުން ކަމުގައި ކޭއާރްއެޗް އިން ވިދާޅުވިއެވެ.
މިމަހު 14 އިން 16 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕު މިރޭ ފެށުމަށް ވަނީ ހަމަޖެހިފަކަމަށް ކޭއާރްއެޗް އިން ހާމަކުރެއްވިއެވެ. އެގޮތުން، މިރޭ 20:30 ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަކުރުބަލީގެ ޕޭޝަންޓްގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ހުޅުވާލައިގެން ހަކުރުބައްޔާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ކޭއާރްއެޗް އިން ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި މައުލޫމާތު ދެއްވާނީ ނޭޝަނަލް ޑައިބެޓިކްސް ސެންޓަރ ގައި ހަރަކާތްތެރިވާ މި ދާއިރާގެ ތަޖުރިބާކާރު ޑަކްޓަރުން ކަމުގައިވާ ސީނިއަރ ކޮންސަލްޓެންޓް އިން އިންޓާރނަލް މެޑިސިން، ޢަލީ އަބްދުﷲ ލަތީފް އަދި ކޮންސަލްޓެންޓް ސަބް ސެޕެޝަލިސްޓް އިން އެންޑޮކްރިނޮލޮޖީ، ޑރ. މުޙައްމަދު ޝިރުހާން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!