އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް

Ihavandhoo council d2d

ހއ. އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ.

މި ހަރަކާތުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެރަށުގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ އެބަހުއްޓެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް "ތިލަދުން"އަށް ވިދާޅުވީ އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ފެށި ހަރަކާތަކީ އެރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރަށުގެ މުއައްސަސާތަކުގެ މެދުން ނެގިފައިވާ ޕްލޭނިން ކޮމެޓީގެ ލަފާގެ މަތިން ފެށި ހަރަކާތެއްކަމަށެވެ.

މިހަރަކާތުގެ ދަށުން މިއަދުން ފެށިގެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00އަށް އެރަށުގެ މީހުން އުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް ނިމެންދެން ކައުންސިލްގެ ޓީމުތައް ދޮރުން ދޮރަށް ހިނގާނެކަމަށް ޞަބާޙް ވިދާޅުވިއެވެ.

"ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އަޅުގަނޑުމެން އޮންނާނެ މުއައްސަސާތައް ތަމްސީލްކުރާ ޕްލޭނިން ކޮމެޓީއެއް ނަގާފައި، އެ ކޮމެޓީން ކައުންސިލަށް މަޝްވަރާ ދިނީ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަހަންޖެހޭކަމަށް، ވީހާވެސް ފުރިހަމަ ޕްލޭނެއް އެކުލަވާލުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކުރިމަގަށް އެ ރައްޔިތުންގެ ބޭނުންތައް އެނގުން މުހިންމުކަމަށް އަޅުގަނޑުމެން ދެކެނީ" ޞަބާޙް ވިދާޅުވިއެވެ.

ޞަބާޙް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ބައިވެރިވުން ބޮޑުގޮތެއްގައި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރަށުގެ ކުރިމަގަށްޓަކައި ޕްލޭނެއް އެކުލަވާލާއިރު ރައްޔިތުންގެ އަޑުވީހާވެސް ގާތުން އެހުން އެއީ މިހަރަކާތުގެ އެއް ބޭނުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ލާމަރުކަޒީ ޤާނޫނުން ވަނީ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކާއި މަތިކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި