ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

Nolhivaranfaru School

ކޯވިޑް ފެތުރެމުންދާތީ ބިރުވެރިކަން ކުރިމަތިވެފައިވާ ނޮޅިވަރުންގައި މިއަދު އެރަށު ސްކޫލްގެ 200 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ.

މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެރަށް މޮނިޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް އެވަގުތު ނެތްކަމަށެވެ.

ނަމަވެސް އެޗްޕީއޭގެ އެ ނިންމުން އައީ ނޮޅިވަރަންފަރުގެ ކޯވިޑް ޓާސްކް ފޯހާއިވެސް، ކައުންސިލާ ވެސް އަދި ސިއްހީ މަރުކަޒާވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވުމުން، އެފަރާތްތަކަށް މި ނިންމުމުން ޝޮކެއް ލިބުނުކަމަށް ވަނީ ބުނެފައެވެ. އަދި މޮނިޓަރިން އުވާލި ނަމަވެސް ރަށުގެ ހާލަތު ރަނގަޅުކަން ކަށަވަރުވަންދެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެރަށު ޓާސްކް ފޯހުން ވަނީ ނިންމާ އެކަން ރައްޔިތުންނަށް އަންގާފައެވެ.

އެރަށް މޮނިޓަރިން އުވާލިފަހުން ވެސް 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފްލޫ ސާމްޕަލް ހިމެނެއެވެ. މިހާރު އެރަށުގައި ކޯވިޑް ބަލީގެ 25 މީހަކު އެބަތިބި ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބް ރައީސް އަބުދުލްކަރީމް "ތިލަދުން"އަށް ވިދާޅުވި ގޮތުގައި އެރަށު ސްކޫލްގައި ތައުލީމް ހާސިލްކުރާ 253 ދަރިވަރުން ތެރެއިން މިއަދު ސްކޫލަށް ހާޒިރުވީ 53 ދަރިވަރުންނެވެ. ކޯވިޑްގެ ބިރުވެރިކަން އޮތުމުން ބާކީ ދަރިވަރުން ސްކޫލަށް ހާޒިރެއް ނުވެއެވެ.

ނޮޅިވަރަންފަރު ސްކޫލްގެ އޮފިޝަލެއްވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

"ބައެއް ކްލާސްތަކުގައި އެއްކުއްޖަކު ނޫނީ ދެކުދިން ވެސް އެބަތިބި، ހަތަރު ކުދިން ފަސް ކުދިން ތިބި ކްލާސްތައް ވެސް އެބަހުރި، އެއްވެސް ކުއްޖަކު ނެތް ކްލާސްތައް ވެސް އެބަހުރި" އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ސްކޫލް ހުޅުވެންވާއިރަށް ސްކޫލްގެ ހާލަތު ވަޒަން ކުރުމަށް ހުކުރު ދުވަހުގެ ރޭ ވަނީ ނޮޅިވަރަންފަރު ސްކޫލްގެ ގްރޭޑް 9،10ގެ ކުދިންގެ ސާމްޕަލް ވެސް ނަގާފައެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭކަމަށް ކަރީމް ވިދާޅުވިއެވެ.

ކަރީމް ވިދާޅުވީ، މިއަދު އެހާގިނަ ކުދިން ސްކޫލަށް ނުފޮނުވީ އެ ރަށުން އިތުރު މީހުން ޕޮޒިޓިވްވަމުންދާތީ، ރައްކާތެރިތެރިވުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލަކީ ގްރޭޑް 1 އިން 10 އަށް އުނގަންނައިދޭ ސްކޫލެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިބުނާ ހާލަތު ގޯސް ނަމަ އެޗު.ޕީ.އޭ ވެސް ހަރުދަނާ ފިޔަވަޅު އެޅުމަށް އަންގާނެ، އަދި މޮނިޓަރިން ވެސް ނުނަގާނެހެން ހީވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި