އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ތިބި ފަރާތްތަކަށް ދޭ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެގޮތުން، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ މުރާޖަޢާކުރުމަށް މަޖިލީހަށް ހުށައެޅުމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމުގައި ހުންނަ ބޭފުޅަކަށް މުސާރައިގެ އިތުރުން 1000 ރުފިޔާގެ އެލަވަންސެއް ދެއްވުމަށް ވަނީ ފާސްކޮށްފައެވެ.
މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ.
މީގެ ކުރިން ނައިބު ރައީސުންގެ މުސާރައަކީ އަތޮޅުކައުންސިލްގެ މެންބަރުންނެކޭ އެއްހަމައިން 20000 ރުފިޔާއެވެ. ނަމަވެސް، މި ބިލާއެކު ނައިބު ރައީސުންނަށް 21،000 ރުފިޔާ ލިބިގެންދާނެއެވެ.
އެލްޖީއޭއިން ބުނީ މި އިސްލާހު ގެންނަން ހުށައެޅީ އަތޮޅު ކައުންސިލުގެ މެންބަރުންނާ ރައީސުންގެ މުސާރަ އާއި ފަރަގެއް ހުންނަން ޖެހޭކަމަށް ފެންނާތީކަމަށާއި ސަބަބަކީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ހާލަތުގައި ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވާން ޖެހޭނީ ނައިބް ރައީސް ކަމަށް ވާތީ އެވެ. އަތޮޅު ކައުންސިލުގެ ރައީސުންގެ މުސާރައަކީ 28،000 ރުފިޔާ އެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ކައުންސިލްތަކުގެ އޮނިގަނޑަށް ބަދަލުގެނެސް މިގޮތައް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި މެންބަރުނެގެ ތެރެއިން 41 މެންބަރުންގެ ވޯޓާއި އެކުއެވެ.