ށ. ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ފުނަދޫ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ކޯހަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި، އެ ކައުންސިލް އަދި ފުނަދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ ކޯހެއްކަމަށެވެ.

Ad
rt

އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން 15 އަށް ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަޙުމަދުފުޅު 'ތިލަދުން' އަށް ވިދާޅުވީ މި ކޯހަކީ އެރަށުގައި އެތުލެޓިކްސް ކޯޗުން ބިނާކުރުމުގެ އަމާޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

އަދި މި ކޯހުގެ މަގުސަދަކީ އެރަށު ސްކޫލް ތަކުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކަށް ދަރިވަރުން ތަމްރީން ކޮށްދޭނެ ފަރާތްތަކެއް އެރަށުން ބިނާކުރުން ކަމުގައި ވެސް އިބްރާހިމް ވިދާޅުވިއެވެ.

" އިއްޔެ މި ކޯސް ހަމަ ޖެހުނީ. ދެން އެތުލެޓިކްސް އެސޯސިއޭޝަނުން އިން 2 ބޭފުޅަކު ރަށަށް އައިސް މި ތަމްރީންތައް ނަގައިދޭ ގޮތަށް ވަނީ ހަމަޖެހިފަ. " ފުނަދޫ ރައީސް އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ މި ކޯސް އެހެން ރަށްތަކުގައި ބޭއްވުމުގެ ފުރުސަތު އޮތްކަން އެންގުމަށްޓަކާއި އަވަށްޓެރި ގިނަ ރަށްތަކަކަށް ފޯނުން ގުޅުއްވައިގެން އެ ފަރާތްތަކާއި މައުލޫމާތު ހިއްސާ ކުރެވިފައި ވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ދެކޭގޮތުގަ ކޮންމެ ރަށަކަށްވެސް ވަރަށް މުހިންމު މިފަދަ މުބާރާތްތަކަށް ދަރިވަރުން ތަމްރީންކޮށްދޭނެ ބައެއް އެރަށެއްގައި ތިބުން. " އަޙްމަދު ވިދާޅުވިއެވެ.

ފުނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާ މި ކޯހުގައި ބައިވެރިވެ އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި ތަމްރީންވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އައިޑީކާޑް ނަންބަރ އަދި ވައިބަރ ނަންބަރާއި އެކު މި މަހުގެ 8 ވާ ބުދަ ދުވަހުގެ 22:00ގެ ކުރިން 9790808 އަށް މެސެޖު ކޮށް ރެޖިސްޓަރ ވުމަށް ފުނަދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ފުނަދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެއް ގޮތުގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ.