ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ. ގުރުވަ އަޙްމަދު ޢާހިދު ރަޝީދު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
މި މަޤާމަށް އަޙްމަދު ޢާހިދު ރަޝީދު ޢައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަނުކުރެއްވި އަޙްމަދު ޢާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. އޭނާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް ޢާހިދު ވަނީ ފުރުއްވާފައެވެ.
ޢާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ލޯ ވިޗް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމްގައި ހުސްވީ ކުރިން އެ މަޤާމު ފުރުއްވި ޙުސައިން ފިޔާޒް މޫސާ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!