އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސެލަރ ރާއްޖެއަށް ވަޑައިގެން ކުރައްވާ ޒިޔާރަތުގައި އިއްޔެ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެކަމަނާ ކުޅުދުއްފުށްޓަށް ވަޑައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް އެ ސިޓީގެ ތަރައްޤީއާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރެޑް ކްރެސެންޓްގެ ހދ. ބްރާންޗްގެ ބޭފުޅުންނާއި ޔޫތް ލެޑް އެންވަރަމެންޓް ބީލީފް ޖަމިއްޔާގެ ބޭފުޅުންނާއި ވެސް އެކަމަނާ ބައްދަލު ކުރެއްވިއެވެ.

Ad
rt

މިޒިޔާރަތުގައި އެކަމަނާވަނީ ރަށުގައި ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ބައެއް އާއިލާތަކާއި ބައްދަލުކޮށްވައި، ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތް ވެސް ތަޖުރިބާ ކުރައްވާފައެވެ. މީގެ ތެރޭގައި ރޯނު ވެށުމުގެ މަސައްކަތާއި ކަސަބު ބޯވަޅު އެޅުމުގެ މަސައްކަތްތައް އެކަމަނާ ބައްލަވާލައްވާފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކުޅީގެ މުއްސަނދި ކަމާއި، ކުޅީގެ ވަށައިގެންވާ ކަނޑޫ ގަސްތަކުގެ ހިތްގައިމުކަން ދެކިލުމަށް އެކަމަނާ ވަނީ ކެނޯގައި ކުޅުދުއްފުށި ކުޅީގައި ދަތުރުކޮށްފައެވެ.

ރޭގައި އެކަމަނާ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކަމަނާގެ ޝަރަފްގައި ތައްޔާރުކުރި ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. މި ފަރިއްކޮޅުގައި ދިވެހި ސަގާފީ ގޮތްތައް ބޭނުންކޮށްފައިވާއިރު، ކެއުންތައް އަތުރާލާފައި ހުރީވެސް އެންމެ ސަގާފީގޮތަށް މަލާފަތުގައެވެ.

އިނގިރޭސި ސަފީރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރައްވަމުން ގެންދަވާއިރު، މިއީ ކޯވިޑްގެ އެންމެފަހު ރާޅަށްފަހު އާންމު ހާލަތުގައި އެކަމަނާ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ވެސް ބައްދަލުކުރައްވާފައެވެ.