ށ. ފުނަދޫ ފްލޫ ކްލިނިކަށްދެއްކި 3 އަހަރުގެ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އިނގުނީ އިއްޔެއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު "ތިލަދުން"އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށެވެ.
"އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ، މިއަދު ވެސް ސާމްޕަލްތަކެއް އެބަ ނަގާ" އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދި މިހާތަނަށް އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ނުވާކަމަށާއި، ޕޮޒިޓިވްވި ކުއްޖާއާއި ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަންނަ ގޮތަކުން އެކަމަށް ގޮތެއް ނިންމަވާނެކަމަށް ބެލެވޭކަމަށެވެ.
ފުނަދޫ ރައީސް އަޙްމަދު ވިދާޅުވީ އެރަށުގެ 12 އަަހަރުން މަތީ މީހުންގެ 89 އިންސައްތަ މީހުން މިހާރު ކޯވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ފުނަދޫން ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެން ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ރައްޔިތުން ބޭރަށް ނުނުކުތުމަށާއި، ކޯވިޑާއި ގުޅިގެން ރައްކާތެރިވެ ތިބުމަށް ދެވިފައިވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!